އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަންޖެހޭ ހިސާބަށް ދިޔުމަކީ ދެރަވާ ކަމެއް ކަމަށާއި މަހުލޫފަކީ އެމްޑީޕީއަށް ވަރަށް މުހިންމު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަހުލޫފަށް މަންފާ ލިބުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައެވެ. އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޔޫތު މިނިސްޓަރުކަމުގެ މަގާމުން އެކަހެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފަށް އަންގަވާފައެވެ. އެއާއެކު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ހަވާލުކޮށްފަ އެވެ.

މަހުލޫފްގެ މައްސަލައާ ގުޅޭގޮތުން ދޮންބިލަތް "ވަން" އަށް ވިދާޅުވީ އެކަމުގައި އެމްޑީޕީއަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޕީޖީ އަށް މައްސަލަ ފޮނުވުމުން މަހުލޫފް ދައްކަވާފައިވާ ވާހަކަތަކަކީ ޖަޒުބާތުގައި ޖެހިގެން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދޮންބިލަތް ވިދާޅުވީ، މަހުލޫފަށް ކޮންމެ ކަމެއް ވިޔަސް އެމްޑީޕީން މަހުލޫފާ ދުރުނުވާނެ ކަމަށާއި މަހުލޫފަށް ކުރިމަތިވަމުންދާ ކަންތައްތަކާމެދު ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދެރަވާ ކަމަށެވެ. އަދި މަހުލޫފަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަހުލޫފާ އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް ނެތް. މަހުލޫފާއެކު އަޅުގަނޑުމެން ތިބޭނަން. މަހުލޫފަށް ދިމާވާ މި ބާވަތުގެ ކަންކަމަކީ އަޅުގަނޑުމެންނަށް ކަމެއް ކުރެވޭނެ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް ދެވެން އޮންނަ ސަޕޯޓަކީ އެކަންކަމުން ބޭރުން ދެވެން އޮންނަ ސަޕޯޓް. މަހުލޫފަކާ ޒާތީ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން ވަރަށް ދެރަވެސްވޭ. އަޅުގަނޑުމެންނަށް ވަރަށް މުހިންމު މީހެއް މަހުލޫފަކީ. އަޅުގަނޑުމެންގެ ޕާޓީ ވެރިކަމަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް މަހުލޫފަކީ،" ދޮންބިލަތް ވިދާޅުވި އެވެ.

ދޮންބިލަތް ވިދާޅުވީ ވަކި މީހަކަށް ޒާތީ ކަމެއް އޮވެގެން ސަރުކާރުން ދައުވާއެއް ކުރަން އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މަހުލޫފަކީ ޔޫތު މިނިސްޓަރުގެ ގޮތުގައި ހުންނަވައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ދޮންބިލަތް ވިދާޅުވީ އިރާދަކުރެއްވިއްޔާ މަހުލޫފަށް ރަނގަޅުވާނެ ކަމަށާއި އެމްޑީޕީ އޮތީ އޭނައާ އެކު ކަމަށެވެ.

"އަޅުގަނޑުމެންނެއް އޭނައާ މެދު ޒާތީއެއް ނޫން. އިރާދަކުރެއްވިއްޔާ މަހުލޫފަށް ރަނގަޅުވާނެ. އަޅުގަނޑުމެން މިތިބީ މަހުލޫފާއެކީގަ އެހެން ދިމާވިކަމަށްވިޔަސް. މީހަކަށް ކަމެއް ކުރެވިދާނެ، އެމީހާ އަކީ ތާއަބަދު އެކަމެއްގެ ބޮލުގަ އެޅިގެން ހުންނާނެ މީހެއް ނޫން." ދޮންބިލަތް ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ކުރި ތުހުމަތުތަކާއި ގުޅިގެން އޭނާ މީގެ ކުރިން ވިދާޅުވީ، ތުހުމަތުތައް ގޯސް ކަމަށާއި އޭނާއަށް ތުހުމަތު ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދީގެން ކަމަށެވެ. ނަމަވެސް އޭރު އޭނާއަކީ ޕީޕީއެމް މަޖިލިސް މެންބަރެއް ކަމަށާއި ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

"ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން. އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގައި ބަގުޑިބައްދައިގެން ހުންނަން ނޫންކަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުންނާއި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށެވެ. އަދި މީގެ ކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވާފައިވަނީ ރިޔާސީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ކަނޑައެޅިގެން ރާއްޖެ އާއި ސްރީލަންކާގެ ގާނޫނާ ހިލާފަށް ހޯދައި ނަގާފައިވާ ތަކެތި ކަމަށާއި އެއީ ކޯޓަށް ބަލައި ނުގަންނާނެ ހެކި ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރުވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ، ގާނޫނާއި ގަވައިދުގެ ތެރެއިން އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުސް އޮފީހާއި ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާވެސް އެއްގޮތަށް އޭނާއާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ، އެންމެ ދުވަހަކުވެސް މިމަގާމުގައި ދެމިނުހުންނާނެ ކަމަށެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފުގެ މައްސަލައިގައި އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓުދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެމައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.