ހަބީބު ބޭންކުން ނެގި ލޯނެއްގެ ސަަބަބުން ދައްކަން ޖެހޭ 25.9 މިލިއަން ރުފިޔާ ދެއްކުމަށް ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށާއި އެލޯނަށް ޔަގީންކަން ދީފައިވާ ފަރާތުގެ ހައިސިއްޔަތުން މ. ވާދީ، ރޯސް މުހައްމަދު އަހުމަދު ދީދީގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލައަކީ މ. ވާދީ ރޯސް މުހައްމަދު އަހުމަދު ދީދީ އާއި ވާދީ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޔަގީންކަން ދީގެން އަދި ވާދީ ޓްރޭޑް ސެންޓަރުގެ ނަމުގައިވާ ބީއައިއެފް ނަންބަރު ދެ ގޯއްޗާއި މ. ވާދީވިއު ގޯތީގައިވާ އިމާރާތްތައް ރަހުނުކުރުމަށްފަހު، ހަބީބް ބޭންކް ލިމިޓެޑުގެ ފަރާތުން ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީއަށް 27 ސެޕްޓެންބަރު 1998 ގައި ލެޓާ އޮފް މޯގޭޖް އެންޑް ލޯން އެގްރީމެންޓުގައި ސޮއިކޮށް ދޫކޮށްފައިވާ ލޯނެއްގެ މައްސަލައެކެވެ.

އެފަރާތުން އެއްބަސްވެފައިވާ ގޮތަށް އެ ލޯނުތަކަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ކޮންޓްރެކްޓާބެހޭ ގާނޫނަށް ރިއާޔަތްކޮށް، ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީގެ ފަރާތުން ހަބީބު ބޭންކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހާ ހަރަދަކާއި ގެއްލުމުގެ ބަދަލު، ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި ހަބީބް ބޭންކުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހަބީބު ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާތީ، އެ ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް 27 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ޖެހި ނުދައްކައިވާ އެކު ޖުމުލަ 25،906،606.76 އާއި ހަބީބް ބޭންކް ލިމިޓެޑުން ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހަރަދު ކުރަން ޖެހުނު 21،200 ރުފިޔާ، 30 އޯގަސްޓް 2018 އިން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ ވަރު ދައްކަމުން ގޮސް، އެ މުއްދަތުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށް ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށާއި މުހައްމަދު އަހުމަދު ދީދީއަށް އަންގާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، މި މުއާމަލާތުގައި ރަހުނު ކުރެވިފައިވާ ބީއައިއެފް ނަންބަރު 2 އާއި މ.ވާދީވިއު ގޯތި ވިއްކާލުމުގެ ހުއްދަ ހަބީބް ބޭންކަށްދީ ހުކުމް ކުރާ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް އާއި މ. ވާދީ ރޯސް، މުހައްމަދު އަހުމަދު ދީދީގެ ފަރާތުންނެވެ.

އެފަރާތުން ހައިކޯޓުގައި އެދިފައި ވަނީ އެ މައްސަލަ އަލުން ބަލައި ދިނުމަށް އެދި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

މި މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުލީލު ކުރަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުުމަށް ތާއީދުކޮށް ވަނީ ހުކުމްކޮށްފައެވެ.