އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު ގާނޫނަކަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު ގާނޫނަކަށް ބަދަލުކުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން އަންނަނީ ކުރަމުންނެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ 2007 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގަވާއިދެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވަނީ އެ ގަވާއިދު އުވާލައި، އެ ގަވާއިދުގައިވާ އުސޫލުތަކާ ހިލާފަށް އަބުރުގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ނޫސް އިދާރާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ޝަރުއީ މަރުހަލާއިން ބޭރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައިވެއެވެ.
އެ ގާނޫނާ މެދު ގިނަ އަދަދެއްގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ހެދި ޕީޕީއެމާ ދެކޮޅު މެމްބަރުންގެ ތާއީދާއެކު އެ ގާނޫނު އުވާލައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް ގާނޫނީ ބާރުވެރިކަންދޭން މަޖިލީހުން ފާސްކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސެލް އަހުމަދު އަބްދުﷲ އަފީފް މިރޭ "ވަން" އަށް ވިދާޅުވީ، އަބުރުގެ ގާނޫގެ މަގުސަދަކީ މީހެއްގެ އަބުރާ ބެހިފިނަމަ ކޯޓު މެދުވެރިކޮށް އެކަމުގެ ބަދަލު ހޯދޭނެ ގޮތެއް ފަހިކުރުން ކަމަށެވެ. އަހުމަދު ވިދާޅުވީ އަބުރާ ބެހުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.
"ގާނޫނުލް އުގޫބާތުގައި މިހާރުވެސް އެބަ އޮވޭ ގަޒުފުކޮށްފިނަމަ އެއީ ޖިނާއީ ކުށެއް ކަމަށް. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކުށް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ. ނަމަވެސް މި ގާނޫނުން އަނބުރާ ބެހިގެން ޖަލަށް ނުލާނެ. އޭގެ ބަދަލުގައި ގެއްލުމުގެ ބަދަލު ނަގައިދޭނީ،" އަހުމަދު ވިދާޅުވިއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު