ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އޭނާގެ ކުރީގެ އަނބިމީހާ އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ، އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށް އަސްރާ ވިދާޅުވިއެވެ.
ފަހުން އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ފުލުހުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައާ ގުޅިގެން އީސަ ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ. އަދި ފުލުހުންނާމެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު