ޔޫރޯ 2020 ގެ ގްރޫޕް ބީގައި ފިންލޭންޑް ކުޅޭ ދެވަނަ މެޗުގައި ރަޝިއާގެ ސެއިންޓް ޕީޓާސް ބާގުގައި އެގައުމާ ދެކޮޅަށް މިއަދު ހަވީރު 06:00 ގައި ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ރަޝިއާއިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން އޮތީ ބަލިވެފައެވެ. ފިންލޭންޑް އޮތީ ފުރަތަމަ މެޗުން މޮޅުވެ ގަދަ 16 އަށް ދިޔުމަށް ބޮޑު އުންމީދެއްގައެވެ.
އެހެންނަމަވެސް މެޗުން ލިބުނު މޮޅަށްވުރެ ބޮޑަށް ފިންލޭންޑްގެ ކުޅުންތެރިންނާއި މުޅި ޓީމުގެ ސިކުނޑީގައި ވަނީ ޑެންމާކު މެޗުގައި ދިމާވި ހާދިސާގެ ހަނދާނެވެ. ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓި، މެޗު އެމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގުން ވެގެން ދިޔައީ ކުޅުންތެރީންނަށް ނަފުސާނީ ބޮޑު އަސަރެއް ކުރި ކަމަށެވެ.
އެރިކްސަންގެ ހާލު މިހާރު ރަނގަޅު ނަމަވެސް އަދިވެސް އެ މެޗުގެ ހަނދާންތަކަކީ ފިންލޭންޑް ކުޅުންތެރީންނަށް އުނދަގޫ ހަނދާންތަކެކެވެ. އެ މެޗުން މޮޅު ވެ ފިންލޭންޑުން ބޮޑު މުބާރާތެއްގައި ފުރަތަމަ މޮޅު ހޯދި ނަމަވެސް އެއީ އެޓީމަށް އުފާވެރި ރެއެއް ނޫނެވެ. މެޗު ނިންމައި ޑްރެސިން ރޫމްގައިވެސް އެކަމުގެ އުފާފާޅު ކޮށްފައެއް ނުވެއެވެ.
"މިދިޔަ ހޮނިހިރު ދުވަހުގެ މެޗަކީ ފިންލޭންޑަށް އުނދަގޫ މެޗެއް. ޑްރެސިން ރޫމުންވެސް އެކަން ފެނުނު. އަސްލު އެކަހަލަ މެޗަކުން މޮޅުވި ނަމަ ޑްރެސިން ރޫމްގައި ވަރަށް އުފާފާޅު ކުރާނެ. އެކަމަކު އެރޭ ފެނުނީ ވަރަށް އަޑުމަޑު ކޮށް. އެކަން ގަބޫލުވެސް ކުރެވޭ،" ފިންލޭންޑްގެ ކެޕްޓަން ޓިމް ސްޕާވް ބުނެފައިވެއެވެ.
ކެޕްޓަންގެ އިތުރުން ޓީމުގެ މިޑްފީލްޑަރު ރަސްމުސް ޝުލާވެސް ވަނީ ކުޅުންތެރިން ޑެންމާކު މެޗުގެ ހަނދާންތަކާ އަދިވެސް ދުރަށް ނުދާ ކަމަށް ފާހަގަކޮށްފައެވެ. އޭނާ ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ މެޗުގެ ހަނދާންތައް ހުރި ނަމަވެސް މިއަދުގެ މެޗަށް ތައްޔާރުވާނެ ކަމަށެވެ.
"ހޮނިހިރު ދުވަހުގެ މެޗުގައި ހިނގި ކަންކަން އަދިވެސް ހަނދާނެއް ނުނެތޭ. އެކަމަކު މިއަދުގެ މެޗަށް ނުކުންނަން ޖެހޭކަން ގަބޫލުކޮށް މި މެޗާ ކުރިމަތިލާން ޖެހޭނެ. ނުކުންނާނީ ފުޓުބޯޅަ ކުޅެން. މިއީ ފިންލޭންޑްގެ ފުރަތަމަ ފަހަރު. ގްރޫޕް ސްޓޭޖުން ކުރިއަށްދާން ބޭނުންވޭ. ޑެންމާކުގެ ހަނދާންތައް ސިކުނޑީގައި ހުރި ނަމަވެސް ދެން އޮތީ ރަޝިއާ،" ޝުލާ ބުނެފައިވެއެވެ.
ފިންލޭންޑުގެ ބޯޑަރާ 200 ވަރަކަށް ކިލޯމިޓަރު ކައިރީގައި އޮތް ސެއިންޓް ޕީޓާސްބާގުގެ ސްޓޭޑިއަމްގައި މީގެ ކުރިން ފިންލޭންޑް ކުޅެފައެއް ނުވެއެވެ. މީގެ ކުރިން ރަޝިއާއާ ދެކޮޅަށް ފިންލޭންޑް ކުޅުނު އަވޭ މެޗު ކުޅުނީ މޮސްކޯގައެވެ. އޭގެ ކުރިން ފިންލޭންޑުން އަވޭގައި ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކަކީ ރަޝިއާ ޔޫއެސްއެސްއާރް ގޮތުގައި އޮތްއިރު ކުޅުނު ފަސް މެޗެވެ. ރަޝިއާ އަތުން މިހާތަނަށް ފުޓުބޯޅައިގައި ފިންލޭންޑުން ހޯދި ހަމައެކަނި މޮޅަކީ 1918 ވަނަ އަހަރު އޮލިމްޕިކްސްގައި ހޯދި މޮޅެކެވެ.
އޭގެފަހުން ޔޫއެސްއެސްއާރުގެ ގޮތުގައި ރަޝިއާއިން މުބާރާތްތައް ކުޅުނުއިރުވެސް ފިންލޭންޑަށް ރަޝިއާ އަތުން ސަލާމަތްވެފައެއް ނުވެއެވެ. ފިންލޭންޑް ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު 18:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު