ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތަށީގެ ރަސްމީ ނަމަކީ ހެންރީ ޑިލޯނޭ ޓްރޮފީއެވެ. އެ ނަން ނިސްބަތް ކުރެވެނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޚިޔާލު އެންމެ ފުރަތަމަ ހުށައެޅުއްވި، ފަރަންސޭސި ވިލާތުގެ ބެއިފުޅެއް ކަމަށް ވާ ހެންރީ ޑިލޯނޭއަށެވެ. އޭނާ އަކީ ފަރަންސޭސި ފުޓުބޯޅަ ފެޑެރޭޝަނުގެ އަމީންއާއްމުކަމާއި، ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ (ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން) ގެ އަމީންއާއްމުކަން ވެސް ކުރެއްވި ބެއިފުޅެކެވެ.
1960 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޓަކައި ތަށްޓެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ ހެންރީ ޑިލޯނޭގެ ދަރިކަލުން ޕިއެރޭ ޑިލޯނޭއެވެ. ތަށި ފަރުމާ ކުރީ އަރްތުސް-ބަރޓްރޭންޑް ކުންފުނީންނެވެ. ތަށީގެ މޫނުމަތި ފަރާތުގައި "ކޫޕް ޑި'ޔޫރޯޕް" އާއި "ކޫޕް ހެންރީ ޑިލޯނޭ" އަދި "ޝެމްޕިއޮނެޓް ޑި'ޔޫރޯޕް" މި ލިޔުންކޮޅުތައް ލެޓިން އަކުރުން ލިޔެފައި އޮވެއެވެ. ފަހަތުގައި ހުންނަނީ ބޯޅައަކުން ހުނަރެއް ތަމްސީލު ކުރުމުގެ ހަރަކާތުގައި ހުންނަ ފިރިހެން ކުއްޖެއްގެ ކުރެހުމެކެވެ. ތަށީގެ ބަރުދަނަކީ 6 ކިލޯއެވެ. ދިގުމިނަކީ 42 ސެންޓިމީޓަރެވެ.
1960 އިން ފެށިގެން 2004 އާ ހަމަޔަށް، ޔޫރޯ ހުރިހައި މުބާރާތެއްގައި ވެސް ދެވުނީ އެންމެ ފުރަތަމަ ކުރެވުނު ފަރުމާއާ އެއްގޮތަށް ހެދުނު ތަށްޓެވެ. އެއިރު އޮންނަ ގޮތަކީ، ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރާ ގައުމެއްގައި، ދެން އޮންނަ މުބާރާތަކާ ހަމަޔަށް ތަށި ބެހެއްޓުމެވެ. ތަށީގައި ހުންނަ ސަންގުމަރުމަރު ހިލައިގެ ބުޑެއްގައި، މުބާރާތް ކާމިޔާބު ކުރާ ކޮންމެ ޓީމެއްގެ ނަން ކުޑަ ފިލާކޮޅެއްގައި ލިޔެފައި ހަރު ކުރެވެއެވެ.
2008 ވަނަ އަހަރުގެ މުބާރާތަށް ޓަކައި ތަށި އަލުން ފަރުމާ ކުރެވުނެވެ. އެ މަސައްކަތް ކުރީ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށް ވާ އެސްޕްރޭ އިންޓަރނޭޝަނަލް ލިމިޓެޑުންނެވެ. އެސްޕްރޭ އަކީ ގަހަނާ އާއި ރަންރިހީގެ މަސައްކަތް ކުރާ ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. ކުޅިވަރު މުބާރާތްތަކުގެ ތަށި އުފެއްދުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އާ ފަރުމާ އާ އެކު، ތަށި ކުރިޔަށް ވުރެ ބޮޑު ކުރެވުނެވެ. މިހާރުގެ ތަށީގެ ޖުމުލަ ބަރުދަނަކީ 8 ކިލޯއެވެ. ސާފު ރިހީން ހެދިފައި ވާ މި ތަށީގެ ދިގުމިނަކީ 60 ސެންޓިމީޓަރެވެ. ފަހުގެ ފަރުމާގައި، ކުރީގެ ތަށީގައި ހުންނަ ކަހަލަ ސަންގުމަރުމަރު ހިލައިގެ ބުޑެއް ނުހުރެއެވެ. އޭގެ ބަދަލުގައި، ތަށީގެ ފޫ ވަނީ ބޮޑު ކުރެވިފައެވެ. އެއީ ތަނެއްގައި ބަހައްޓައިފައި ހުންނަ އިރު ރަނގަޅަށް އަދި ސްޓޭބަލްކޮށް ތަށި ހުންނާނޭ ގޮތް ހެދުމަށް ޓަކައެވެ. ތަށި ކުރިޔަށް ވުރެ ބޮޑު ކުރުމަށް ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތުގެ ހައިބަތާ ގުޅޭ ގޮތަށް، އަދި ޔުއެފާގެ އެހެން މުބާރާތްތަކުގައި ދެވޭ ތަށިތަކަށް ވުރެ ކުޑަ ނޫން ތަށްޓެއްގެ ގޮތުގައި ދެއްކުމަށެވެ. މިހާރުގެ ފަރުމާގައި، މުބާރާތް ކާމިޔާބު ކުރާ ޓީމުގެ ނަން މިހާރު ލިޔަނީ ތަށީގެ ފަހަތުގައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ