ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިރޭ ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ ސަޕޯޓަރުންނަށް ޓަކައި މޮޅެއް ހޯދަން ކަމަށް ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.
މިރޭ ރާއްޖެއިން ނުކުންނާނީ ކޮލިފިކޭޝަންގައި ޓީމު ކުޅޭ ފަހު މެޗަށެވެ. ސެންޓްރްލައިޒްކޮށް ޑުބާއީގައި މެޗުތައް ކުރިއަށްދާއިރު، އެންމެފަހުން ގައުމީ ޓީމުން ކުޅެފައިވާ ދެ މެޗުން ވަނީ ބަލި ވެފައެވެ. ވަރުގަދަ ސީރިއާ އަތުން ޓީމު 4-0 އިން އަދި ޗައިނާ އަތުން ޓީމު ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ.
ރާއްޖެއަށް ގްރޫޕްގެ ތިންވަނަ ގެއްލު ނަމަވެސް އަދި އޭޝިއަން ކަޕަށް އުންމީދެއް ނުގެއްލެއެވެ. އަށް ގުރޫޕްގެ ތެރެއިން ހަތަރު ވަނަ މަގާމަށް ދާ އެންމެ މޮޅު ހަތަރު ޓީމެއް ކޮލިފިކޭޝަން ތިންވަނަ ބުރަށްދާ އިރު، އަނެއް ހަތަރު ޓީމު ދާނީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ޕްލޭ އޮފް މެޗުތަކަށެވެ.
ރާއްޖެއަށް އޮތް ހާލަތު އިތުރަށް އުނދަގޫ ވެފައި ވަނީ ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުން ނޯތު ކޮރެއާ ވަކިވުމުންނެވެ. ނޯތު ކޮރެއާ ވަކިވުމާއެކު އޭއެފްސީން ނިންމާފައި ވަނީ އެއްވެސް ގުރޫޕެއްގެ ހަތަރުވަނަ އާއި ދެވަނައަށް ދާ ޓީމު، އެ ގުރޫޕުގެ އެންމެ ފުލުގައި އޮންނަ ޓީމާ ދެކޮޅަށް ކުޅެ ހޯދާފައިވާ ޕޮއިންޓާއި ޖަހާފައިވާ ގޯލު ތާވަލުގެ ސްޓޭންޑިންނަށް ނުގުނޭނެ ގޮތަށެވެ.
އެހެން ކަމަށްވާ ނަމަ ރާއްޖެއިން ގުއާމްއާ ދެކޮޅަށް ދެ ބުރަށް ކުޅެ ހޯދާފައިވާ ހަ ޕޮއިންޓް ގެއްލޭނެއެވެ. އަދި އެ މެޗުތަކުގައި ޖެހި ގޯލުވެސް ކެނޑިގެންދާނެއެވެ. އެހެންކަމުން އެންމެ މޮޅު ހަތަރު ވަނަ ޓީމުތަކުގައި ހިމެނުމަށް ރާއްޖެއަށް ފިލިޕީންސް މެޗުން ޕޮއިންޓު ހޯދުން މުހިންމެވެ.
"އަހަރެން އެދެން ސަޕޯޓަރުން މި ޓީމު ކުޅޭ ކުޅުން ތަފާތުވަމުން އަންނަތަން ވެސް ދެކެން. އަހަރެމެން 5-0 އިން ޗައިނާ އަތުން މި ކޮޅުގައި ބަލިވިއިރު ރާއްޖޭގައި ވެސް 5-0 އިން ބަލިވީ އެކަމަކު އެ މެޗުތައް ދިޔައީ ތަފާތު ގޮތަކަށް. އަހަރެން އުއްމީދު ކުރަނީ މި މެޗުގެ ކުުޅުމުގެ ކަންކަމަށް ވެސް ބެލުމަށް. މުސްތަގުބަލަށް ވެސް ބެލުން މުހިއްމު. ކުޅުންތެރިން އެބަ ދައްކައިދޭ ގޯހެއް ހެދުނަސް ކަންކަން ރަނގަޅު ކުރެވިދާނެކަން. އަހަރެންގެ އުއްމީދަކީ މޮޅު ވެ ސަޕޯޓަރުން އުފާކޮށްދެވުން. އެއީ އަހަރެން ވެސް އުފާވާނެ ކަމެއް،" ކޫޕްމަން ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ބުނެފައިވެއެވެ.
ކޫޕްމަން ބުނީ 10 ވަރަކަށް ދުވަސްތެރޭގައި ރާއްޖޭން ތިން މެޗު ކުޅެން ޖެހުނުއިރު، މިއީ ހަގީގަތުގައި މީގެ އެތައް ދުވަސްތަކެއް ކުރިން ކުޅެން ޖެހޭ މެޗުތަކެއް ކަމަށެވެ. އަދި މި މެޗުތައް ދިޔަ ގޮތް ބަލައިފިނަމަ ޓީމުން ކުުޅުމުގައި ހޯދި ކުރިއެރުން ފެންނާނެ ކަމަށް ކޫޕްމަން ބުންޏެވެ.
"އަހަންނަށް ހީވަނީ އަހަރެމެން ކުރިއެރުންތަކެއް ހޯދައިފި މި މެޗުތަކުން މިހާތަނަށް ވެސް. އެކަމަކު ބަލިވީ ދެ މެޗުން ވެސް. އެހެންވީމަ މިރޭ ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިއްމު ފިލިޕީންސާ ދެކޮޅަށް. އެއީ ދިވެހިރާއްޖޭގެ މީހުންނަށް ޓަކައި. އަހަރެމެންނަށް އެނގޭ މިއީ އުނދަގޫ ވަގުތެއް ކަން އެކަމަކު ވެސް ރަނގަޅު ނަތީޖާއެއް ނެރެން ފައިޓް ކުރާނަން،" ކުރިން އަރޫބާގެ ކޯޗުކަމާއި ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކޫޕްމަން ބުންޏެވެ.
ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗު ފަށާނީ މިރޭ 20:00 ގަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު