ވިމެން އިން ޑިޕްލޮމަސީ ނެޓްވާކުގެ ރައީސާ ކަމަށް، ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ހަފުލާގައި ޑރ. ފަރަހަނާޒް އަށް ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހާ އެކްސަލަންސީ މިސް ލިންޑާ ސްކޮޓްއެވެ.
ޑރ. ފަރަހަނާޒްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނައިބު ކަމުގައި ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހާ އެކްސަލަންސީ މިސް ސޮފީ ކަޓްސަރަވާ އެވެ. އަދި މި ނެޓްވޯކުގެ މަސައްކަތުގައި ދުވަހުން ކުރަން ޖެހޭ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ. އެމްބަސީގެ ސަފީރުގެ ނާއިބެވެ.
ޔޫކޭގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނީ ޑރ. ފަރަހަނާޒް، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިަންނަވާނީ މި އަހަރުގެ ޖުލައި މަހު ކަމަށެވެ.
ވިމެން އިން ޑިޕްލޮމަސީ ނެޓްވާކަކީ މީގެ އެތައް އަހަރެއް ކުރިން، އިނގިރޭސިވިލާތުގައި ތިިބޭ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވޯކެކެވެ. އެތައް އަހަރެއްވަންދެން މި ނެޓްވާކުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން އަލުން މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުވައި، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާ ކަންތައްތައް ދެން ތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކައި ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ.
މި ޖަމިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަގާމެކެވެ. ޔުކޭގައި ހުންނަ ދިވެހި ރައްޖޭގެ އެމްބަސީން ބުނީ މި ނެޓްވާކުގެ މަސައްކަތް އަލުން ފަށައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލްމަހުގައި ކަމަށާއި އެގޮތުން ފުރަތަމަ ރައީސަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރު ކަމަށެވެ.
މި ގޮތުން ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާނީ ހައިކޮމިޝަނަރު ޑރ ފަރަހަނާޒް ކަމަށާއި އެކަމަނާގެ ރައީސާ ކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލައި މަސައްކަތް ކުރުން ކަމަށްވެސް ބުންޏެވެ.
މިއީ މި ނެޓްވޯކުގެ ތިންވަނަ ރައީސާއެވެ. އަދި މިއީ މި ނެޓްވޯކުގެ ރައީސާ ކަމުގެ މަގާމު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު