ސަރުކާރުން މިރޭ އިއުލާންކުރި "ގެދޮރުވެރިޔާ ލޯން" ސްކީމަށް މި މަހުގެ ތެރޭގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މި އަހަރުގެ ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން މިރޭ ބުނެފިއެވެ.
މިރޭ އިއުލާންކުރި ގެދޮރުވެރިޔާ ލޯން ސްކީމުގެ ދަށުން ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، މި ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯން ދައްކަން ޖެހޭނީ ގިނަ ވެގެން 20 އަހަރުގެ މުއްދަތަކަށެވެ.
ގެދޮރުވެރިޔާ ލޯނު އިއުލާންކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީއެފްސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ ގެދޮރުވެރިޔާ ލޯން ސްކީމަށް މި މަހުގެ މެދު ތެރޭގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އަދި މިއަހަރުގެ ތިން ވަނަ ކުއާޓާގައި ލޯނުގެ ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން އެޕްލިކޭޝަންތަކަށް ހުޅުވައިލާނީ ޖޫން މަހުގެ މެދުތެރޭގައި އެޗްޑީއެފްސީއަށް ބަލައިގަންނަ ގޮތަށް. މިހާރުގެ ޕެންޑަމިކްގައި އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތުން އެޕްލިކޭޝަންތަކަށް އެޕްލައި ކުރުމާއި އިވެލުއޭޓް ކުރާނީ އެފަރާތްތަކާ ގުޅައިގެން އޮންލައިންކޮށް. އަޅުގަނޑު ވަރަށް ބޮޑަށް އެބަ ބަލަން މި ލޯންތަކުގެ ފައިސާ ތިން ވަނަ ކުއާޓާގައި ޑިސްޕާސްތައް ހެދޭތޯ،" ޝަފީގު ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ މި ލޯނު ފަރުމާކުރީ ލޯނަށް އެދާ ފަރާތްތަކަށް ވީހާ ވެސް ލުއިގޮތަކަށް ކަމަށެވެ. އަދި މި ސޯޝަލް ސްކީމް ލޯންތަކަކީ އެ ފަރާތްތަކަށް ވަރަށް ފަސޭހައިން ބައިވެރިވެވި އަދި އެ ފަރާތްތައް ބޭނުންވާ މަގުސަދު ހާސިލުކުރެވޭނެ ޕްރޮގްރާމަކަށް ހެދުން ކަމަށެވެ.
ޝަފީގު ވިދާޅުވީ މިއީ ސޯޝަލް ސްކީމް ލޯނުތަކެއްކަމުން އިކުއިޓީއަށް ދައްކަން ޖެހޭ 20 ޕަސެންޓު ދެއްކުމުގައި ފަސޭހަ އިންތިޒާމްތަކަށް ބަލާނެ ކަމަށާއި އެގޮތުން އިކުއިޓީ ބެލުމުގައި މިހާރު އިމާރާތަށް ކޮށްފައި ހުރި މަސައްކަތުގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ތަންތަން އިކުއިޓީ ކަނޑައެޅުމުގައި ބަލާނެ ކަމަށެވެ. އަދި ބިމުގެ އަގާއި އެ މީހަކުގެ ސޭވިންސްގައި ހުރި ފައިސާއަށް ވެސް ބަލާނެ ކަމަށް ވިދާޅުވިއެވެ.
ޝަފީގް ވިދާޅުވީ މި ސްކީމަށް އަނބުރާ ފައިސާ ދެއްކޭނެ ގާބިލިއްޔަތު ހުރިތޯ ބަލާނެ ކަމަށާއި ނަމަވެސް އެކަން ނުބަލައި ލޯނު ދޫކޮށްފިނަމަ، ކުރިއަށް އޮތް ތަނުގައި މިފަދަ ސްކީމްތައް ކުރިއަށް ގެންދަން އުނދަގޫވާނެ ކަމަށެވެ. އަދި ލޯނު ނެގި ފަރާތްތަކުން މަގުސަދު ހާސިލުކުރޭތޯ ކަށަވަރުކުރާނެ ކަމަށާއި މި މަސައްކަތް ކުރާނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކަމަށެވެ. އަދި ލޯނުގެ ފައިސާ ދޫކުރާނީ ބައި ބަޔަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްގެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. އަދި މީގެ ގްރޭސް ޕީރިއަޑަކީ 12-15 މަހުގެ މުއްދަތެކެވެ.
މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނުގެ ގޮތުގައި އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000 ރުފިޔާއެވެ. މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގައެވެ. އަދި އަލަށް އިމާރާތް ކުރަން ލޯނަށް އެދޭނަމަ، އެ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ހަރަދު ލާން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު