މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް "ގެދޮރުވެރިޔާ ލޯން" ގެ ނަމުގައި ސްކީމެއް ތައާރަފުކޮށްފިއެވެ.
"ގެދޮރުވެރިޔާ ލޯން" އިފްތިތާހު ކުރުމަށް މިރޭ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ފަސޭހަ ގޮތުގައި ލިބެން ނެތުން ކަމަށެވެ. އަދި ބޭންކުތަކުން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ވަރަށް ބޮޑު ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގެ ގެތަކަކީ މާލެއާ އަޅާ ބަލާއިރު، ކޮމާޝަލް ވެލިއު ކުޑަތަންތަން ކަމަށާއި އެހެންކަމުން އެ އިމާރާތް ކުރުމަށް ލިބޭ ލޯނަކީ ހަމަ އަގުގައި އަތްފޯރާ ފަށުގައި ލިބޭ ލޯނަކަށް ހަދަންޖެހޭ ކަމަށެވެ.
އެގޮތުން މިއަދު ތައާރަފު ކުރެވޭ މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް ކަމަށާއި އެއީ މިހާރު ދޫކުރާ ލޯންތަކުގެ އިންޓްރެސްޓަށްވުރެ ދެބައި ކުޅަ އެއްބައި ކުޑަ ރޭޓެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސްކީމްގައި އަތޮޅު ތެރޭގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ.
މި ސްކީމްގެ ދަށުން ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެއެވެ.
މި ސްކީމްގެ ދަށުންހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ވަނީ ނިންމައިފައެވެ. އަދި މި ލޯން ދައްކައި ހަލާސްކުރަން ޖެހޭނީ ދިގު މުއްދަތަކުންނެވެ.
- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5907 ރުފިޔާ
- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5680 ރުފިޔާ
- 17 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5485 ރުފިޔާ
- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5307 ރުފިޔާ
- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5153 ރުފިޔާ
- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5015 ރުފިޔާ
މި ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ބައިވެރިވާން ޖެހޭއިރު، އަލަށް އިމާރާތް ކުރަން ލޯނަށް އެދޭނަމަ، އެ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ފައިސާ ލާން ޖެހެއެވެ. ނަމަވެސް ނަގުދު ފައިސާގެ ގޮތުގައި ހުރުން ލާޒިމެއް ނުވެއެވެ.
މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެއެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށްވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު