ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރުމާއެކު އަލުން އަނބުރާ ދަނޑަށް އެރުމުގެ އުންމީދު ގެއްލުވައި ނުލާނެ ކަމަށް ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ.
ކްރިސްޓިއަން އެރިކްސަންގެ ވާހަކައަކީ މިވަގުތު މުޅި ފުޓުބޯޅައިގައި އެންމެ ގިނައިން ދެކެވެމުން އަންނަ ވާހަކައެވެ. ޔޫރޯ 2020 ގައި ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ޑެންމާކުގެ ތަރި އެރިކްސަން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓިފައި ވަނީ ކާޑިއެކް އެރެސްޓެއްގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.
ޔޫއެފާއިން އެރޭ ބުނެފައި ވަނީ އެރިކްސަން ސްޓޭބަލް ވެ، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އިއްޔެ ޓީމަށް ކޯލެއް ކޮށް، ވާހަކަ ދެއްކި ކަމަށްވެސް ބުނެފައިވެއެވެ. ސަޕޯޓަރުންނާ ހަމައަށް އެރިކްސަން ފުރަތަމަ މެސެޖު ދީފައި ވަނީ ރޭގެ ވަގުތެއްގައި އޭނާގެ މެނޭޖަރު މެދުވެރިކޮށެވެ. މެސެޖުގައި ބުނެފައި ވަނީ ހުރިހާ ފަރާތްތަކަކުން އޭނާއަށް ކޮށްދިން ކަންކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިހާރު ހާލު ރަނގަޅު ކަމަށާއި، ކަން ހިނގައި ދިޔަ ގޮތް ބަލަން ބޭނުންވާ ކަމަށްވެސް އެރިކްސަން ވަނީ ބުނެފައެވެ.
ބައެއް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ އެރިކްސަން އަލުން އެނބުރި ފުޓުބޯޅައަށް ނުކުތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެފަދަ ކާޑިއެކް އެރެސްޓްތަކަށް ދާ ކުޅުންތެރިންނަށް ގިނަ ގައުމުތަކުގައި އޮންނަނީ ކުޅުން މަނާވެސް ކޮށްފައެވެ. އެއީ ސިއްހީ އިމަޖެންސީތައް މަދުކުރުމަށް ހަދާފައިވާ އުސޫލުތަކެކެވެ. އެހެންނަމަވެސް އެރިކްސަންގެ މެސެޖުގައި އޭނާ ބުނެފައި ވަނީ ދަނޑު މައްޗަށް އަނބުރާ ދިއުމުގެ އުންމީދު ގެއްލުވައި ނުލާނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު