އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެއަށް ތަރައްގީގެ މަތީފަންތިއަކަށް ނުދެވޭނެ ކަމަށް މަޝްހޫރު ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުގެއިލް ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެއްވަނަ ގައުމެއް ނޫން ކަމަށާއި ކަންކަމުގައި އިންޑިއާއަށް މާ ބޮޑަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ކަންކަމުގައި އިންޑިއާ އަށް ބަރޯސާ ވާން ވެއްޖެނަމަ މި ގަރުނު ނިމޭ އިރުވެސް ރާއްޖެއަށް ތަރައްގީ އަންނާނީ ފިނިހަކަ ސްޕީޑުގައި ކަމަށެވެ. އަދި މިއީ ސިޔާސީ ޕޯސްޓެއް ނޫން ކަމަށާއި މިއީ އިލްމީ ވާހަކައެއް ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.

"އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟ މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް،" އުގެއިލް ވިދާޅުވިއެވެ.

އުގެއިލް މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އުޅޭ މައްސަލަ ވަނީ ހޫނުވެފައެވެ. އެކަމާ ދެކޮޅަށް އައްޑޫގެ ރައްޔިތުންގެ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންސިއުލޭޓް އެޅުމާ ގުޅޭގޮތުން ދެ ހިޔާލެއް އެބަ ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާ މެދު އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އިންޑިއާއަށް މާބޮޑަށް ބަރޯސާވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމު ފަރާތްތަކުންވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދެއެވެ. އަދި އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަމުންދާކަމުގެ ތުހުމަތުތައްވެސް ބައެއް ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރެއެވެ.