ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ތަކުރާރުކޮށް ހިލާފުވުމުގެ ސަބަބުން ބައެއް މީހުންނަށް ކޮށްފައިވާ ޖޫރިމަނާގެ އަދަދު 80،000 ރުފިޔާއަށް އަރާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފުރިހަމައަށް ތަބާނުވުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޖޫރިމަނާ ކުރަން ޖެހޭ ކަމަށެވެ.

"ކެފޭތަކާއި ރެސްޓޯރެންޓްތަކަށް އެއްވެ، ޕާޓީތަކާއި ހަފްލާތައް އެންމެ ފަހުގެ ރާޅުގެ ތެރޭގައިވެސް ބާއްވާފައިވާ ކަން ފާހަގަ ކުރެވިފައިވޭ. އޭގެ ކުރިންވެސް އެކަން ފާހަގަ ކުރެވިފައިވޭ" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، ފިޔަވަޅުތަކަށް ތަކުރާރުކޮށް ހިލާފުވާ މީހުންނަށް އިތުރު ފިޔަވަޅުތައް އެޅުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

"ޖޫރިމަނާ އަޅުގަނޑު ބަލާލިން. އަޅުގަނޑު ހަނދާންވަނީ 80،000 އިން މައްޗަށް ޖޫރިމަނާ އަރާފައިވާ މީހުން އެބައުޅޭ މުޅި ކޮވިޑްގެ ޕީރިއަޑް ތެރެ ބަލައިފިއްޔާ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ސަރުކާރާ މެދުވެސް ބައެއް ރައްޔިތުންގެ ހިތްހަމަ ނުޖެހުން އެބަހުރި ކަމަށާއި ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.