ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެންގުމާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލުން ހިދުމަތް ދޭނެ ގަޑިތަކަށް ގެނައި ބަދަލުތައް އެ ބޭންކުން މިއަދު ވަނީ އާންމުކޮށްފައެވެ.

އެގޮތުން މި ފެށޭ ހަފުތާގައި ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ އެވެ. ނަމަވެސް ކާޑު ދޫކުރުމަށް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެއެވެ. ހުޅުމާލެ ބްރާންޗުން ކާޑު ދޫކުރާނީ އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2:00 އަށެވެ.

ބީއެމްއެލުން ބުނީ، ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދު ކުރި ނަމަވެސް ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާއާ ހަމައަށް ޖަމާކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާ ކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ފަދަ އަސާސީ ހިދުމަތްތައްވެސް ދޭނެއެވެ.

ބީއެމްއެލުން އިތުރަށް ބުނީ، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމަށް، ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުމެއް ނަމަ އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށާއި ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާ ނަމަ އެ ދުވަހު ޕްރޮސެސް ކުރާނީ މެންދުރު 12:00ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށެވެ.

އަދި އެހެން ބޭންކެއްގެ އެކައުންޓަަށް ޖަމާކުރާނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އޭގެ އިތުރުން އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބުންޏެވެ.