ކ. މާފުށީ ބިން ހިއްކުމާއި ތޮށިލުމުގެ މަޝްރޫއުގެ ސަބަބުން ކޮކޯއާ އައިލެންޑަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސިވިލްކޯޓުން ބަލަންޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ކ. މާފުށީގެ ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް
އިންފްރާސްޓްރަކްޗާ އިން ނިންމާފައިވާތީ، މި މަޝްރޫއުގެ ސަބަބުން ކ. މަކުނުފުށީގައި އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރަމުންގެންދާ ކޮކޯއާ އައިލެންޑް އަށް ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުންތައް ހުއްޓުވުމަށްޓަކައި، މިމަޝްރޫއު ހުއްޓާލުމަށް ނުވަތަ ކ. މަކުނުފުއްޓަށް ކަނޑައަޅާފައިވާ ބައުންޑަރީ އަށް އަސަރު ނުކުރާނެ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އަށް ރައްދުވާގޮތަށް ދައުލަތުގެ މައްޗަށް އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައުވާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ކޯޓުތަކުގެ ގާނޫނުގެ ޖަދުވަލު ފަހެއްގެ ތިންވަނަ ނަމްބަރުގެ މައްޗަށް ރިއާޔަތްކޮށް، 2019 ވަނަ އަހަރު ސިވިލް ކޯޓުން ނިންމަވާފައި ވަނީ، މިއީ ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބި އޮތް މައްސަލައެއް ނޫންކަމަށެވެ.
ނަމަވެސް ސިވިލްކޯތުގެ އެ ނިންމުން ޝަރުއީ އަދި ގާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިވިލްކޯތުގެ އެ ހުކުމް ބާތިލް ކޮށްފައެެވެ. އަދި މި މައްސަލައަކީ ސިވިލްކޯޓުުން ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓަށް އަލުން ހުށަހަޅައިފިނަމަ މައްސަލައިގެ މައުޟޫގެ މައްޗަށް ބަލައި ސިވިލްކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު