އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގައި މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފި އެވެ.
އާރްޑީސީން މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގަ އެވެ.
މަގު ހެދުމުގެ މަޝްރޫއުގައި ސަޕޯޓު ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ 17 މުވައްޒަފެއް މިއަދު ވަޒީފާއިން ވަކި ކުރިކަން "ވަން"އަށް ވަނީ ކަށަވަރު ވެފަ އެވެ.
މާމިގިލީ އާރްޑީސީ ޕްރޮޖެކްޓުގައި ވަޒީފާ އަދާކުރަމުންދިޔަ އަދި ވަޒިފާއިން ވަކި ކުރި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ މުހައްމަދު މިއަދު "ވަން" އަށް މައުލޫމާތު ދެމުން ބުނީ އެ މީހުން ވަޒީފާއިން ކަނޑާލި ސަބަބު ނޭނގޭ ކަމަށެވެ. ނަމަވެސް ޕްރޮބޭޝަން މުއްދަތު ހަމަވުމުން މުސާރައަށް އިތުރު ކުރަން ބުނި 1000 ރުފިޔާ އިތުރު ކޮށްނުދޭތީ އެކަމާ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހިތްހަމަ ނުޖެހުން ފާޅު ކުރި ކަމަށެވެ.
އަބްދުﷲ ބުނީ މި 17 މުވައްޒަފުންގެ މުސާރައަށް ޕްރޮބޭޝަންގެ މުއްދަތު ހަމަވުމުން އެއްހާސް ރުފިޔާ އިތުރު ކޮށްދޭނެ ކަމަށް ވަޒިފާ ދިން އިރު އާރްޑިސީން ބުނި ކަމަށެވެ. ނަމަވެސް ޕްރޮބޭޝަން މުއްދަތު ހަމަވެ އިތުރު ތިން މަސް ދުވަސް ވެގެން ދިޔައިރުވެސް މުސާރަ ބޮޑުކޮށްދީފައިނުވާތީ އެކަމާ ހިތްހަމަ ނުޖެހިގެން މަސައްކަތް ކުރުން ހުއްޓާލި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ބޭސިކް މުސާރަ އަކީ 2500ރުފިޔާ. ދެން އަޅުގަނޑުމެންނަަށް ވަޒީފާދިން އިރު ބުނި ޕްރޮބޭޝަންގެ ތިން މަސް ވީމަ މުސާރައަށް 1000ރުފިޔާ އިތުރުކޮށްދޭނަމޭ. އެކަމަކު ހަ މަސްވީއިރުވެސް އަޅުގަނޑުމެންނަކަށް ބޮޑެއް ނުކުރޭ. އެކަމަކު އެހެން ރަށްރަށުގަ ތިބި އާރްޑިސީ ސްޓާފުންނަށް މި ބުނާ އެއްހާސް ރުފިޔާ ބޮޑު ކޮށްދިން. ދެން އަޅުގަނޑުމެން އިހުތިޖާޖު ކުރީ ބޮޑު ކުރަން ބުނި އެއްހާސް ރުފިޔާ ބޮޑުކޮށްދިނީމަ ނޫނީ މަސައްކަތަށް ނުނިކުންނާނެ ކަމަށްބުނެ. ނޫނީ އެ މުސާރަ ދެވޭނެ ދުވަހެއް ބުނީމަ އަލުން މަސައްކަތް ފަށާނެ ކަމަށް. ދެން އެ ޕްރޮޖެކްޓް މެނޭޖަރު ބުނީ ތަކެއްޗަށް ގެއްލުން ނުދީ ތިބޭށޭ. އަޅުގަނޑުމެން އެއްވެސް ހާލެއްގަ ތަކެއްޗަށް ގެއްލުމެއް ދޭން ނުވިސްނަން. ދެން އޭގެ ފަހުން އައިސް ބުނީ މަސައްކަތް ކުރަން ބޭނުން ނުވާ މީހުން ވަކި އެއްޗެއް އަންގަންދެން ގޭގަ މަޑު ކުރާށޭ. ބުނީމަ އަޅުގަނޑުމެން އެންމެން ދިޔައީ ގެއަށް،" ކަން ހިނގައި ދިޔަ ގޮތް ހިއްސާކުރަމުން ބުންޏެވެ.
އަބްދުﷲ ބުނީ ގޭގައި މަޑުކޮށްގެން ތިއްބާ މާލޭގައި ހުންނަ އާރްޑީސީގެ ހެޑް އޮފީހުން ގުޅާފައި، މުޒާހަރާގައި ބޭނުންކުރި ބޯޑު ހެދީ ކާކުތޯ އެހި ކަމަށާއި އަދި އިއްޔެ އޮފީހަށް އައުމަށް ބުނި ކަމަށެވެ. އަދި އޮފީހަށް ދިޔުމުން، ފޯނުން ދެއްކި ވާހަކަ ބަޔާނެއްގެ ގޮތަށް ލިޔެފައި އޭގައި ސޮއި ކުރަން އެންގި ކަމަށާއި އަދި އެ ބަޔާނުގައި ހުރިހާ މުވައްޒަފުންވެސް ސޮއި ކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ބަޔާނުގައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރަށް އޭނާ ބުނީ މިއަދު ހެނދުނު އެ ހުރިހާ މުވައްޒަފުން ވަޒިފާއިން ވަކި ކޮށްފައިވާކަމުގެ ހަބަރު ލިބުނު ކަމަށާއި ނަމަވެސް އެއްވެސް މުވައްޒަފެއްގެ އަތަށް އެއްވެސް ކަހަލަ ލިޔުމެއްވެސް ދީފައިނުވާ ކަމަށެވެ. އަދި ވަޒިފާއިން ވަކިކޮށްފައިވަނީ އާރްޑިސީގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށްބުނެ ކަމަށް އޮފީހުގެ މަސައްކަތް ކުރާ އެހެން މީހެއްގެ ފަރާތުން އެނގިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އަބްދުﷲ އިތުރަށް ބުނީ ވަޒީފާއިން ވަކި ކުރި ހުރިހާ މުވައްޒަފުން މިހާރު ޕްރޮޖެކްޓް ސައިޓުކައިރީގައި މުޒާހަރާ ކުރަމުންދާ ކަމަށާއި އެ މީހުން ޑިމާންޑް ކުރަމުންދަނީ އެ ޕްރޮޖެކްޓް މެނޭޖަރު އެ ރަށުން ފޮނުވާލުމަށް ކަމަށެވެ. އަދި އޭނާ ރަށުން ފޮނުވާލުމުން ނޫނީ މުޒާހަރާ ކުރުން ހުއްޓާ ނުލާނެ ކަމަށާއި އަދި މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު