މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ފުލުހުންގެ ޕޯސްޓެއް ގާއިމުކޮށް، އެ މުއައްސަސާގެ ސާވައިލަންސްގެ ދަށުން އެތަން ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުގެ މަސައްކަތްތަަށް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ހުރި ކުންޏާއި ވެލި ފުނިތައް ނަގައި އެތަން ސާފު ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ޕަބްލިކް ވޯކްސްއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދިި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި ދެން އެތަނަށް އިތުރަށް ކުނި ނޭޅޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގެ ކަންކަން އެއްވެސް ވަރަކަށް ބެލެހެއްޓިފައި ނުވާ ކަމަށާއި މިހާރަށްވުރެ ރޭވުންތެރިކަމާއެކު އެތަނުގެ ކަންކަން ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ޕޯސްޓެއް އެތަނުގައި ގާއިމުކޮށް ވަގުތީ ގޮތުން ޕާކިން ސްލޮޓުތައް ކުއްޔަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަމާ ގުޅިގެން ފުލުހުންނާއި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯން ރޭވުންތެރިކަމާއެކު ބެލެހެއްޓޭނެ ގޮތް ހަދައި އެތަނަށް ވަދެވޭނެ މަގަކާއި ނުކުމެވޭނެ މަގެއް ކަނޑައަޅާއި ވަންނަ އެކްސެސް ކޮންޓްރޯލް ކުރާނެ ކަމަށެވެ. އަދި ފުލުހުންނާއި ވާހަކަ ދައްކައިގެން ޕޮލިހުންގެ ސާވަލައިންސްގެ ދަށުން އިންޑަސްޓްރިއަލް ޒޯން ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޒޯނަކީ މާލެ ތެރޭގައި ހުރި އެކި ކަހަލަ ސިނާއީ މަސައްކަތް ކުރާ ގަރާޖުތަކާއި ވޯކްޝޮޕް ފަދަ ތަންތަން އާންމުން ދިރިއުޅޭ ތަންތަނާ ވަކިން ބެހެއްޓުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ޑރ. މުއިއްޒު ހުންނެވި އިރު ތަރައްގީ ކުރި ސަރަހައްދެކެވެ.