ބޭންކް އޮފް މޯލްޑިސް (ބީއެމްއެލް)ގެ ކިޔަވާ ލޯނު ނަގައިގެން ތިބި އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލު، އޭޝިއަން އެކެޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ 15 ދަރިވަރެއްގެ ލޯނު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވުމާއެކު ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމަވައިފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ސޯލިހުގެ އެ ނިންމެވުމާ އެއްގޮތަށް ފްލައިން ސްކޫލުގެ 15 ދަރިވަރުންގެ ލޯނު އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އެއްވެސް އިންޓްރެސްޓެއް ދަރިވަރުން ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސް ފަހުން ކަމަށްވެސް ބުންޏެވެ.
ސަރުކާރުން މީގެ ކުރިންވެސް ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގެ ދަށުން އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ 96 ދަރިވަރުންގެ ލޯނުވެސް އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމާ ތާރީހުން ފެށިގެން ހަ މަސް ދުވަހަށް ބަދަލުކޮށްފައެވެ. ނަމަވެސް އެގޮތަށް ފަސްކޮށްދީފައި ވަނީ ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުންނެވެ.
އައްޑޫ ފްލައިން ސްކޫލުން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅެ، ދަތިކުރުމުގެ ކަންތައް ކުރަމުންދާ މައްސަލައާއި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަަލަތައް ސަރުކާރުގެ ސަމާލުކަމަށް އައިސް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެކަން ބަލައިފައެވެ.
އެ މައްސަލައިގައި ރައީސް ސޯލިހު ވަނީ، ސްކޫލުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލު ވެފައިވާ ނަމަ، އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމަވައިފައެވެ.
އޭގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމަވައިފައެވެ.
މިގޮތުން އެ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ އަތުލަން ނިންމައި، ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެމަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެ ފަހުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު