ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ %91 މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ.
ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން މި މަޝްރޫއުގައި ހިމެނެއެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެން މީޓަރު ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ %72 މަސައްކަތް، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ %77 މަސައްކަތް، ސީ އައުޓް ފޯލް އެޅުމުގެ %35 މަސައްކަތް، އަދި ޕަމްޕިން ސްޓޭޝަންތަކުގެ %16 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރުގެ ޕަމްޕިން ލައިން އެޅުން ހިމެނެއެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫގެ އަގަކީ 36,048,032.06 (36 މިލިއަން) ދިވެހި ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު