ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ވަޓަވަށްރެހާ ރިސޯޓު މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވުމަށް ނިންމައިފިއެވެ.
ގދ. އަތޮޅުގައި އޮންނަ ވަޓަވަށްރެހާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފުރަތަމަ ދޫކޮށްފައިވަނީ މީގެ 15 އަހަރު ކުރިންނެވެ. އެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ އެހެން ކުންފުންޏަކުންނެވެ.
އެ ރިސޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ އެ ރިސޯޓު ތަރައްގީކުރުމަށް މިހާތަނަށް 115 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 65 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ ރިސޯޓަކީ ދިވެހިންނަށް ވެސް ޗުއްޓީ ހޭދަކޮށްލެވެން ދެވޭނެ ގޮތަށް ތަރައްގީކުރާ ރިސޯޓެއް ކަމަށް ވިދާޅުވިއެވެ.
"ކައިވެނި ޕާޓީތަކާއި ރަސްމިއްޔާތުތަކާއި ދިވެހިންނަށް ޗުއްޓީއަށް އާދެވޭނެ ގޮތް ހަމަޖެހިފައި އޮންނަ ވޯޓާ ޕާކާއި ރާޅާ އަޅާ ޕޮއިންޓްތަކާއި މިހެން ގޮސް ގުދުރަތީ ވަރަށް ރީތި ވަސީލަތްތައް އޮންނަ ރަށެއް ވަޓަވަށްރެހާ ރަށަކީ. މިއީ ފައިވް ސްޓާ ހިދުމަތްތައް ލިބޭނެ ރިސޯޓެއް. ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އޮޕަރޭޝަން ފެށޭނެ. މި މުހިންމު ޕްރޮޖެކްޓުގައި ތިން ބިލިއަން ރުފިޔާ ވަރުގެ އިކޮނިމީއެއް އެކުލެވިގެންވާނެ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތްތަކަށް ލަސްކަމެއް ގެންނަން ޖެހުނު ކަމަށާއި އެ ޕްރޮޖެކްޓުން 2000 އެއްހާ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ ފޭސްގައި 400 އެނދު ހިމެނޭ އެ ރިސޯޓަށް 500 މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު