ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދާނެ ކަމަށް އެ މަސައްކަތް ކުރަމުންގެންދާ 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅޭ މައުލޫމާތުދެއްވުމަށް މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، ކޮމެޓީގެ މަސައްކަތްތަކަށް އަދި މިހާތަނަށް ހުރަސް އެޅިފައި ނުވާ ކަމަށާއި އުންމީދު ކުރި ގޮތަށް ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ކޮމެޓީން އަޅުގަނޑުމެންގެ މި އިންކުއަރީއަށް ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ހޯދާނަމޭ. ފުރިހަމަ ރިޕޯޓެއްގެ ގޮތުގައި މި ކޮމެޓީން ރިޕޯޓް އެކުލަވާލާނަން،" އެކަމަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވަމުން އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ މި އިންކުއަރީގެ މަސައްކަތަށް ފަހިވާ ގޮތަށް ހުރިހާ ބޭފުޅުން ވެސް ކަންތައްތައް ކުރެއްވުން،" ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވިއެވެ.
ކޮމެޓީން މަސައްކަތް ކުރަނީ ވަކި އަތަކަށް ނުޖެހި މިނިވަންކަމާއެކު ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ނުފޫޒެއް ނެތި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.
"ރައީސް ނަޝީދު ވެސް އަދި އެހެން ފަރާތަކުން ވެސް ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އަޅުގަނޑަށް ދެންނެވޭނީ އެއްވެސް ފަރާތަކުން އަޅުގަނޑަކަށް ނުފޫޒެއް ނުވެސް ފޯރުވޭނެ އަދި ފޯރުވާ ނުފޫޒަކަށް ތަބައެއް ނުވެސް ވާނަން،" އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން ސުވާލުކުރެއްވުމަށް ފުރަތަމަ އެކުލަވާލި ލިސްޓުގައި ހިމެނެނީ 29 ފަރާތެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެ އަދަދުތަކަށް ބަދަލުތައް އަތުވެދާނެ ކަމަށެވެ. ސަބަބެއް ކަމަށް އަސްލަމް ވިދާޅުވީ، މީހުން ހާޒިރު ކުރަމުންދާއިރު ބޭނުންވާ މައުލޫމާތުތައް ލިބުމުން ބައެއް ފަރާތްތައް ހާޒިރުނުކޮށް ކުރިއަށްދެވޭނެ ކަމަށެވެ.
"ކުރިން ގަސްތުކޮށްފައި އޮތީ ދަށުގެ ރޭންކުގެ އޮފިސަރުން އިން ފެށިގެން މަތީ ރޭންކުތަކާ ސުވާލުކުރުން. ނަމަވެސް މިހާރު އަޅުގަނޑުމެން މި ފެށީ މަތީ ރޭންކުތަކުން،" އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު