ނ. ހެނބަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕުލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތާއި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމު ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕުލާންޓު ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ. އަދި އެއާއެކު ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ހެނބަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަގަކީ 41.3 މިލިއަން ރުފިޔާއެވެ. އެ މަޝްްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ.