ކ. ދިއްފުއްޓަށް އުދަ އަރަމުން ދިއުމުގެ ސަބަބުން، ލިބެމުންދާ ގެއްލުންތަކަށް މިހާރުން މިހާރަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެދި ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ނަސީމު ވިދާޅުވީ، ފަހަކަށް އައިސް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ކ. ދިއްފުއްޓަށް އުދައެރުމުގެ ސަބަބުން ދިއްފުށީގެ ރައްޔިތުން ބިރުވެރިކަން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި ދިއްފުއްޓަކީ ޒަމާނުއްސުރެ މޫސުމީ ގޮތުން އަހަރުގެ ކޮންމެވެސް ދުވަސްވަރެއްގައި އުދައެރުމުގެ އަސަރު ކުރަމުން އަންނަ ރަށެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ދިއްފުއްޓަށް އެރި ލޮނުގަނޑު ފައިބައިގެން ދިއުމާއެކު ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީ ފަސްގަނޑު އާދަޔާ ހިލާފަށް ތިރިވެފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ނަސީމު ވިދާޅުވިއެވެ.
އެހެންކަމުން "2005 ވަނަ އަހަރުން ފެށިގެން އިހުނަށްވުރެ ބޮޑަށް ދިއްފުއްޓަށް އުދަ އެރުމުގެ އަސަރު ކުރަމުން އަންނަކަން ފާހަގަކުރެވޭ،" ކަމަށްވެސް ވިދާޅުވިއެވެ.
ނަސީމު ވިދާޅުވީ، މީގެ ހައެއްކަ އަަހަރު ކުރިން ދިއްފުއްޓާއި ކުޑަ ވިލިނގިއްޔާ ދެމެދު ހިއްކައިގެން އިތުރު ރަށްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ފަހުން ދިއްފުއްޓަށް އުދައިގެ އަސަރު ކުރުން އިންތިހާއަށް ބޮޑު ވެގެންދިޔަކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި ވޭތުވެދިޔަ ހަފުތާގައި މެދުކެނޑުމެއްނެތި އެރަށަށް އުދަ އަރަމުން ގޮސް ނިމިގެން މިދާ ހަފުތާއަކީ ދިއްފުށީގެ ރައްޔިތުންނަށް ހާސްކަމާއި ބިރުވެރިކަން އިންތިހާއަށް ކުރިމަތިވި ހަފުތާއެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ދުވާލުގެ 12 ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް ހައެއްކަ ގަޑި އިރު ވަންދެން ދިއްފުށީގެ 80 ޕަސެންޓް އޮތީ ފެނު އަޑީގައިކަން ފާހަގަކޮށް މިކަމަކީ މިހާރުން މިހާރަށް، ވަގުތުން ވަގުތަށް އަވަސް ހައްލެއް ބޭނުންވާ ކަމެއްކަން ދިއްފުށީގެ ރައްޔިތުން ދެކޭތީ އެކަން ސަރުކާރުުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކަމަށްވެސް ނަސީމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު