ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމަށާއި މި ހާލަތަކީ އެކަމުން ދުރުވާން އެންމެ މުނާސަބު ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ، ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތަކާއި ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކޮވިޑް-19 އަކީވެސް ފުއްޕާމެޔާއި ނޭވާލާ ނިޒާމު ބަލިކޮށްލައި ކަމަކަށްވާ އިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުން ހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ހިތާބުގައި ވަނީ އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ 62 ޕަސެންޓަށްވުރެ މަތީ އަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ އިރު، އޭގެ ތެރެއިން މަތީ ޕަސަންޓެއް ފެތެނީ އެ އުމުރުފުރާއަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.