ކޮވިޑް-19ގެ ހާލަތާއެކު އެކި އެކި ކަންކަމުގައި ދިމާވާ އުނދަގޫ ހާލަތްތަކާއެކުވެސް ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތް ކުރާ ކޯޗުންނާއި މެނޭޖަރުންނާއި އޮފިޝަލުން ކުރަމުން އަންނަ ބުރަ މަސައްކަތް ގައުމީ ކޯޗު މާޓިން ކޫޕްމަން ފާހަގަކޮށްފިއެވެ.
ކޯޗު ކޫޕްމަން ބުނެފައި ވަނީ އޭނާ ގިނަ ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށާއި މި ހާލަތުގައިވެސް ގައުމީ ޓީމުގެ މެނޭޖަރުން، ސްޓާފުން، މެޑިކަލް ޓީމުން ކުރަމުންދާ ބުރަ މަސައްކަތަކީ އެހެން ގައުމުތަކާ އަޅައިބަލާއިރުވެސް އެއްވަނައިގެ މަސައްކަތްތަކެއް ކަމަށެވެ.
"މި އުނދަގޫ ހާލަތުގައި އަހަރެންގެ ޓީމު މެނޭޖުކުރުމަށް ކޯޗުންނާއި ސްޓާފުން މެޑިކަލް ޓީމުންވެސް ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރަން. އަހަރެން ވަރަށް ގިނަ ގައުމުތަކުގައި މަސައްކަތް ކޮށްފިން، މި ޓީމުން މިކުރާ މަސައްކަތަކީ ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭ ބުރަ މަސައްކަތެއް. މި ހާލަތުގައި ކަމެއް ގޯސްވެގެންދާނަމަ ގޯސްވެގެން ދާނީ އަހަރެމެން ކޮންޓްރޯލުން ބޭރުގައި ހިނގާ ކަމެއް،" ކޫޕްމަން ބުނެފައިވެއެވެ.
ހޮޓެލް ޖެންގައި އަށް ދުވަސް ވަންދެން ކޭމްޕު ކޮށްގެން ތިބުމަށްފަހު ޓީމު ދުބާއީއަށް ދިޔައީ މިދިޔަ ހަފުތާގައެވެ. ގައުމީ ޓީމުން މާލޭގެ އެއްވެސް ދަނޑަކަށް ގޮސް ފަރިތަކުރުންތައް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައި ނުވުމާއެކު މާލޭގައި ތިބި އިރު ފަރިތަކުރުންތަކަށް ބޭނުން ކުރީ ހޮޓެލް ޖެންގެ ބޯލްރޫމެވެ.
ދުބާއީއަށް ދިއުމުގެ ކުރިން ކޯޗު މާޓިން ކޫޕްމަން ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓެއްގައި ބުނެފައި ވަނީ އުނދަގޫ ހާލަތެއްގައި ޓީމު އޮތުމަށްފަހު އަލުން ދަނޑު މައްޗަށް ނުކުތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ޓާގެޓަށް ވާސިލުވުމަށް ފޯކަސް ގެއްލުވާ ނުލައި މަސައްކަތް ކުރާނެ ކަމަށެވެ.
އެ ހާލަތުގައި ޓީމުގެ ކަންކަން ކުރަމުން ދަނިކޮށް ކޫޕްމަންއަށް އިތުރު މާޔޫސް ކަމެއް ގެނުވީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވް ވެ، ކޭމްޕު ދޫކޮށްލަން ޖެހުމާއެކުގައެވެ.
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 އަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މިހާރު ވަނީ ފަށައިފައެވެ. ޗައިނާއިން އިއްޔެ ކުޅުނު މެޗުގައި ގުއާމް ކޮޅަށް ވަނީ ހަތް ގޯލް ޖަހައިފައެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ ޖޫން ތިންވަނަ ދުވަހު ވަރުގަދަ ޗައިނާއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު