ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވާހަކަދައްކައި ހެދީ އޭނާ ކަމަށާއި ރައީސް ޔާމީނަށް އެކަން ކުރައްވަން ނުކުޅެދިފައިވާ މާރުމަކުން އޭރުގެ ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވި ޑރ. މުހައްމަދު ޝައިނީ ވިދާޅުވާ އޯޑިއޯއެއް ލީކުކޮށްލައިފިއެވެ.

ގާތްގަނޑަކަށް ފަސް މިނެޓުގެ އެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާ އިރު، އެ އޯޑިއޯގައި ރައީސް ޔާމީނަށް ޝައިނީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޝައިނީ އާއި އިތުރު މީހަކާ ވާހަކަ ދައްކާ އެ އޯޑިއޯގައި މި ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ނަމަވެސް މި އޯޑިއޯއާ ގުޅޭގޮތުން ޝައިނީގެ ބަހެއް ލިބިފައިނުވާތީ މިއީ ކޮން އިރެއްގެ އޯޑިއޯއެއް ކަމާއި އަދި އޭގައި އިވިގެންދަނީ ޝައިނީގެ އަޑުކަމެއް ސާފުވެފައެއް ނުވެއެވެ.

އެ އޯޑިއޯގައި ޝައިނީ ވިދާޅުވެފައިވަނީ، ރާއްޖޭގެ ތާރީހުގައި ކެބިނެޓަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ. އަދި ޝައިނީ މަގާމުން ވަކި ނުކޮށް ބަހައްޓާފައި ހުރީ މަޖުބޫރުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ސަބަބެއް ކަމަށް ޝައިނީ ވިދާޅުވެފައިވަނީ، ބޭރުގެ ގައުމުތަކާ އޭނާ ބާއްވަމުން ދިޔަ ގުޅުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ބަލިފައެއްގެ ގޮތުގައި ޝައިނީ ފާހަގަކުރައްވާފައިވަނީ، ބޭރުގެ ގައުމުތަކަށް ވަޑައިގެން އެ ގައުމުތަކުގެ ވެރިންނާ ގުޅުން ބަދަހި ކުރުމެވެ. އެކަން ކުރައްވަމުން ގެންދެވީ ޝައިނީ ކަމުން އޭނާ މިނިސްޓަރުކަމުގައި ބަހައްޓަވަން ރައީސް ޔާމީނަށް މަޖުބޫރުވި ކަމަށް ވެސް ވިދާޅުވިއެވެ.

"އަހަރުންނަށް އެނގޭ އަހަރުންނަށް ރަނގަޅެއް ނޫންކަން. އަހަރުން ބައިތިއްބަން މަޖުބޫރުވެގެން ކަން ބައިތިއްބާފައި ހުރީ. މަޖުބޫރުވާނެ ދޯ ޔޫއެސްއާ ހުރިހާ ކަނެކްޝަނެއް، އީޔޫއާ ހުރިހާ ކަނެކްޝަނެއް، މޯދީއާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ މަ. މި ހުރިހާ އެއްޗެއް ހިފަހައްޓައިގެން ހުރިއިރުގައި ހުރިހާ ކަމެއް ކުރީ މަ. ބޭރުކޮށްލައިފިއްޔާ އެ ދާނެ ދޯ. ރައީސަކަށް ކެރެނީއެއް ނޫން ދާކަށް އެއިންތާކަށް،" އިތުރު މީހަކާ އެކު ޑރ. ޝައިނީ ދެއްކި ވާހަކައިގެ ތެރެއިން އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނުވެއްޓި އޮތީ އޭނާގެ ސަބަބުންކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ، އޭނާއާ "ނުކުޅެ" ހުރުމަށް ހުރިހާ އެންމެން ކައިރީގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ބައެއް އޯޑިއޯތައް އޭނާ އަތުގައި ހުރުމުން އެމެރިކާއަށް ވަޑައިގެން އެ ސާމާނު ރައްކާ ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަންނެސަސަރީ މަށާ ބެހެއްޖިއްޔާ ބަން، ބަން، ބަން، ނޫސްތަކަށް ހަމަ ދާނީ،" ޑރ. ޝައިނީ ވިދާޅުވިއެވެ.