ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ތިބޭ، ހުޅުމާލެ މެޑިކަލް ފެސިލިޓީން ފަރުވާ އާއި ހިދުމަތް ދިނުމުގައި ލަސްވަނީ ނަރުހުން މަދުވުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން އެހެން ބުނެފައި ވަނީ އެ ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ ކޮމިޝަންގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު ފާހަގަވި ކަންކަން ބަޔާންކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެޗްއާރުސީއެމުން ބުނީ، އެ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދަށާއި ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާ އިރު ބަލި މީހުންނަށް ފަރުވާ ފޯރުކޮށް ދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތި ކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ފެސިލިޓީގައި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށްވާ އިރު ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަލިމީހުން އެޑްމިޓް ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެޑްމިޓް ކުރާ ބަލި މީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށް ދޭ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ، ބަލިމީހުންގެ އާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަން ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާ ކަމަށާއި އާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނަ އިރު އެގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާ ކަމަށެވެ.

ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުން ކަމަށް ވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަ ގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

ނަރުހުންގެ މައްސަލައިގެ އިތުރުން އެތަނުގެ ކެއިން ބުއިމުގެ ކަންކަން ހުރި ގޮތާއި އެހެނިހެން ކަންކަމާ ގުޅޭގޮތުންވެސް އެޗްއާރުސީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކޮމިޝަނުން ބުނީ، ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެ މަތިން އެ މީހެއްގެ ބައްޔާ ގުޅޭ ގޮތުން ކެއުން ފޯރުކޮށް ދޭ ކަމަށާއި އަދި ކޮންމެ ގަޑިއަކަށް ކެއުން އޯޑަރު ކުރާ އިރު، އެ ވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރު ކުރާ ކަމަށެވެ.

ނަމަވެސް އެފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ހާލަތަށް ރިއާޔަތް ކުރާ އިރު، އެންމެ އެކަށީގެންވާ ކެއުމެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އޭގެ އިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މައުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.