ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުކޫލީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ އާދަމް އާރިފާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 40 ވަނަ ބައްދަލުވުމުގައި އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެއެވެ.

މީގެ ކުރިންވެސް ވަނީ ގާޒީ އާރިފްގެ މައްސަލައެއް ޖޭއެސްސީން ބަލައިފައެވެ. ނަމަވެސް އެ މައްސަލަވެސް ސާބިތު ނުވާ ކަމަށް އެކޮމިޝަނުން ވަނީ ނިންމައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިންގި ބައެއް ޝަރީއަތްތަކާ ގުޅޭގޮތުން ޖޭއެސްސީން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.