ނ. ޅޮހީ އިސް މެޖިސްޓްރޭޓް ހަސަން މަނިކު އެ ރަށު ކޯޓުގައި ބަލަމުން ދިޔަ ދެ މައްސަލައަކުން ތަނާޒުލް ވުމުން އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކޮށް އޭނާއަށް ނަސޭހަތްދީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގައިފި އެވެ.

ޖޭއެސްސީން ބުނީ، ޅޮހީ ކޯޓުގެ އިސް މެޖިސްޓްރޭޓް އެ ކޯޓުގެ ދެ ގަޟިއްޔާއަކުން ތަނާޒުލު ވެފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދާއި އެ ނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފަނޑިޔާރަކާ ހަވާލު ކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލު ވެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ނޫން ކަމަށެވެ.

އެހެން ކަމުން އިސް މެޖިސްޓްރޭޓް ހަސަން މަނިކުގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދާއި ހިލާފު އަމަލެއް ކަމަށް ތަހުގީގަށް ސާބިތު ވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ފިޔަވަޅެއްގެ ގޮތުން އިސް މެޖިސްޓްރޭޓް ހަސަން މަނިކަށް ނަސޭހަތް ދިނުމުގެ އިތުރުން ޖޭއެސްސީން ވަނީ، އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އޭނާއަށް އަންގާފަ އެވެ.

މެޖިސްޓްރޭޓުންނާއި ގާޒީންނާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ފަސޭހަކަމާ އެކު ޖޭއެސްސީއަށް ހުށަހެޅޭނެ ގޮތް ހެދުމުން، ގިނަ އަދަދެއްގެ މައްސަލަތައް ޖޭއެސްސީއަށް ހުށަހަޅަމުން ގެންދެއެވެ. އަދި އެ މައްސަލަތައް ޖޭއެސްސީން ބަލަމުން އަންނައިރު ގިނަ ގާޒީންތަކެއް ވަނީ މަގާމުން ވަކިވެސް ކޮށްފަ އެވެ.