ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް އެދުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން އަސްރާގެ ފަރާތުން މިއަދު ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވައިފައެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ތުހުމަތު ކުރެވެނީ ޖިނާއީ ކުށަކަށް ކަމަށްވުމުން އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވި ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޖިނާއީ ކުށުގެ ބައި ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އީސައާ ގުޅޭގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އަސްރާގެ އަވައްޓެރިއެކެވެ. މައްސަލައާ ގުޅިގެން އަސްރާ ވަނީ ފެމެލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނީ އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. ނަމަވެސް ދެމައިން މިހާރު ތިބީ ހެޔޮ ހާލުގައި ކަމަށާއި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އީސާ މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު އޭނާގެ ދޮށީ ފިރިހެން ދަރި ވަނީ އީސާގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު