ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނުދިން މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް، އޭނާ އަނިޔާކުރި ކަމަށް ތުހުމަތުކޮށް އަސްރާގެ އަވައްޓެރިޔަކު ވަނީ ފުލުހަށް އެ މައްސަލަ ހުށަހަޅައިފައެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން ޕީޖީން ވަނީ ކްރިމިނަލް ކޯޓުގައި އެކަމަށް އެދިފައެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލައިގައި އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އީސަގެ މައްޗަށް ތުހުމަތުކުރެވި ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ ހަތަރު ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެއް ކަމަކީ މައްސަލައިގެ ތަހުގީގު މައިގަނޑު މަސައްކަތްތައް ނިމި، އެ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވުމެވެ.

ދެވަނަ ކަމަކީ ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުމެވެ. ތިންވަނަ ކަމަކީ އަނިޔ ާލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވުމެވެ. އަދި ހަތަރުވަނަ ކަމަކީ އެ އަމުރަށް އެދި ހުށަހެޅިއިރުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވެފައިވުން ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ މައްސަލައިގައި އަސްރާގެ ބަޔާން ނަގާފައިވާ އިރު، މައްސަލައާ ގުޅޭގޮތުން އީސަ ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އީސަ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.

އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށް އެޕާޓީން ނިންމާފައިވެއެވެ.