ޖޫން 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ޔޫރޯ 2020 މުބާރާތަށް ސްޕެއިންއިން ގެންދާ 24 ކުޅުންތެރިންގެ ސްކޮޑުގައި ކެޕްޓަން ސާޖިއޯ ރާމޯސް ނުހިމެނޭނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ ބުނެފައި ވަނީ ރާމޯސް ޓީމަށް ނުނަގަން ވިސްނީ ދެފަރާތުންވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި، ރާމޯސްގެ ފިޓްނަސް ދަމަހައްޓަން މިވަގުތު ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. ހާއްސަކޮށް ސީޒަންގެ ފަހު ބައިގައި ރާމޯސްއަށް ގިނަ މެޗުތަކެއް ގެއްލިފައިވުމާއެކު ރާމޯސްގެ ފިޓްނަސް ރަނގަޅު ކުރުމަށް ޔޫރޯއަށް ނުގޮސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކޯޗު ފާހަގަކުރިއެވެ.
"މި ސީޒަންގައި ރާމޯސްއަށް އެކަށީގެންވާ ވަރަށް ކުޅެވިފައެއް ނުވޭ. ޓީމާއެކު ތަމްރީނުތައް ހެދޭނެ ގޮތެއްވެސް ނުވޭ. އަހަންނަށް އެނގޭ މިއީ އުނދަގޫ ނިންމުމެއްކަން. އަހަރެން ރޭ ރާމޯސްއަށް ގުޅައި ވާހަކަ ދެއްކިން. މިއީ ނިންމަން އުނދަގޫވި ނިންމުމެއް ނަމަވެސް އަހަރެން ރާމޯސްއަށް ދޭން އޮތް ނަސޭހަތަކީ އަމިއްލަ އެދުން އިސްކޮށް، މިވަގުތު އަމިއްލަ ފިޓްނަސްއަށް ޓީމު ދޫކޮށްލުން. އެއީ ކެރިއަރަށް މުހިއްމު ނިންމުމެއް،" އުމުރުން 35 އަހަރުގެ ރާމޯސްއާ ގުޅޭ ގޮތުން އެންރީކޭ ބުނެފައިވެއެވެ.
ސްޕެއިންގެ ކެޕްޓަން ރާމޯސްއަކީ ފަހުގެ ތާރީހުގައި ޔޫރޯ މުބާރާތުން ފެނުނު އެންމެ ކާމިޔާބު ޑިފެންޑަރެވެ. 2008 ވަނަ އަހަރު ސްޕެއިންއާއެކު ޔޫރޯ ހޯދައި، 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯވެސް ސްޕެއިންއާއެކު ހޯދި ރާމޯސްއަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އޭނާގެ ލީޑާޝިޕް ނެތްތަން މުބާރާތުގައި ވަރަށް ބޮޑަށް ސްޕެއިންއަށް ދައްކާނެ އެވެ.
ރާމޯސް ޓީމުގައި ނެތުމާއެކު ކެޕްޓަން ބޭންޑް އަޅާނީ ބާސެލޯނާގެ ސާޖިއޯ ބުސްކަޓްސްއެވެ. ބުސްކަޓްސްއަކީވެސް ސްޕެއިންއާއެކު ކާމިޔާބީތައް ހޯދައިދީފާ ލެޖެންޑަރި މިޑްފީލްޑަރެކެވެ.
މިއަހަރު ކުޅޭނެ ގައުމު ބަދަލުކުރި ފްރާންސްގެ ޑިފެންޑަރު އެމްރިކް ލަޕޯޓް ޓީމުގައި ހިމަނާނެ ކަމަށް ބެލެވިފައިވާއިރު، ގިނަ މީޑިއާތަކުން ވަނީ އެކަން ޔަގީންވެސް ކޮށްދީފައެވެ. ފްރާންސަށް އުފަން ކުޅުންތެރިއެއް ނަމަވެސް ލަޕޯޓް ގައުމު ބަދަލުކުރަން އަމިއްލައަށް ފީފާއަށް އެދި، ދެގައުމުގެ ފެޑަރޭޝަނުން އެއްބަސްވެ އެކަމަށް ފީފާއިން ވަނީ ހުއްދަވެސް ދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު