އިނގިރޭސި އެންމެ ޝަރަފުވެރި އެއް ސްޓޭޑިއަމް، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައިވެސް ފަލަސްތީނު ދިދަ ވިހުރުވާލައި މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ އާއި އަމަޑު ޑިއާލޯ ނަމޫނާ ދައްކައިފިއެވެ.

ރޭ ސަޕޯޓަރުން ކުރިމަތީގައި ޔުނައިޓެޑުން ކުޅުނު މެޗުގައި ފުލްހަމްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފައި ވާއިރު، މެޗު ނިންމާލުމާއެކު ޕޮގްބާއާއި ޑިއާލޯ ވަނީ ފަލަސްތީނު ދިދައަކާއެކު ދަނޑު މަތީގައި، އިސްރާއީލްގެ ލާއިންސާނީ ޓެރެރިސްޓް ހަމަލާތައް ކުށްވެރި ކުރުމުގެ މެސެޖެއް ދީފައެވެ.

ރޭ އޯލްޑް ޓްރެފޯޑުގައި އޮތް މެޗަށް 10،000 ސަޕޯޓަރުން ވައްދާފައިވާއިރު، މިއީ ކޮވިޑް 19ގެ ހާލަތަށްފަހު ސަޕޯޓަރުން އެ އަދަދަށް މެޗެއް ބަލަން ވެއްދި ފުރަތަމަ ފަހަރެވެ. އިނގިރޭސި ލީގުގެ މެޗުތައް މިދިޔަ 14 މަސް ދުވަހުގައިވެސް ކުޅެފައި ވަނީ ސަޕޯޓަރަކު ނުލައެވެ.

ޕޮގްބާ ފަލަސްތީނު ދިދައާއެކު ދަނޑު މައްޗަށް އަރާފައިވާއިރު، އޭނާ ވަނީ ދޭން ބޭނުންވާ މެސެޖު މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. ޕޮގްބާ ބުނެފައި ވަނީ އަނިޔާވެރި ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި، ފަލަސްތީނަށް ހުރިހާ އެންމެންގެ ދުއާ ބޭނުންވާ ކަމަށެވެ. މީގެ ކުރިންވެސް މުސްލިމުންގެ ކަންކަމުގައި އަޑު އުފުލާ ކުޅުންތެރިއެއްގެ ގޮތުގައި ޕޮގްބާ ފާހަގަކުރެވިފައިވާއިރު، ރޯދަ މަހުގެ ތެރޭގައިވެސް ޕޮގްބާގެ ފަރާތުން ނަމޫނާ މަންޒަރުތައް ވަނީ ފެނިފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ އެތައް ގައުމަކުން ތެދުވެ އަޑު އުފުލާފައިވާއިރު، މުސްލިމް ގިނަ ކުޅުންތެރިންތަކެއް ވެސް އަންނަނީ ފަލަސްތީނާ ދެކޮޅަށް ވަރުގަދައަށް އަޑު އުފުލަމުންނެވެ. ލެސްޓާ ސިޓީން އެންމެފަހުން ކުޅުނު އެފްއޭ ކަޕް ފައިނަލަށްފަހު އެޓީމުގެ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޯފާނާ ވަނީ ފަލަސްތީނު ދިދައާއެކު ވަރުގަދަ މެސެޖެއް ދީފައެވެ.

އެފަދަ ގޮތަކަށް ކުޅުންތެރިން ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލި ނަމަވެސް އެކަމާ މެދު ޕްރިމިއާ ލީގުންނާއި އިނގިރޭސި އެފްއޭއިން ފިޔަވަޅެއް ނާޅާނެ ކަމަށް ވަނީ ބުނެފައެވެ.