މާލެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލޭގައި ޓްރެފިކް މައްސަލަތައްވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ހައްލުވާން އޮތީ މިފަދަ ތަންތަނަށް ހާއްސަކޮށް ހިއްކިފައިވާ ބިން، އިންޑަސްޓްރިއަލް ވިލެޖަށް އެ ތަންތަން ބަދަލު ކުރެވިގެން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލުން މިއަދު މި ނިންމީ އިންޑަސްޓްރިއަލް ވިލެޖަށް މާލެ ސިޓީ ތެރޭގައި ހުރި ގަރާޖުތަކާއި ގުދަންތަކާއި ވޯކް ޝޮޕްތައް ބަދަލު ކުރަން، ކުރަަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ކަމެއް ކަމަށާއި މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނީ އެފަދަ ތަންތަން އެކަމަށް ހާއްސަކޮށްފައިވާ ބިމަށް ބަދަލުކޮށްގެން ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގެ ޕްލޭނެއް ހަދައި ކަމާބެހޭ ވުޒާރާތަކާތަކާއެކު މަޝްވަރާކޮށްގެން އެތަން ތަރައްގީކުރާނެ ބަޔަކު ހޯދައި ހަވާލުކުރަންވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެކަންކަން ނިންމާފައިވަނީ މެމްބަރުންގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވިއެވެ.