ހދ. ކުރިނބީން ގެއްލިގެން ހޯދަމުންދިޔަ ޓީޗަރަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަބްދުލްފައްތާހު އަބޫބަކުރު މިރޭ "ވަން" އަށް ވިދާޅުވީ މިރޭ 8:40 ހާއިރު، އެރަށުން ގެއްލިގެން ހޯދަމުންދިޔަ އިންޑިއާގެ އަންހެން ޓީޗަރެއް، އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކައުންސިލުން ފެށީ މިރޭ 8:05 ހާއިރުއެވެ. އެމީހާ ހޯދުމުގެ މަސައްކަތް ފެށީ، އެމީހާ ގައިގައި ބެޑްޝީޓެއް އެކަނި އޮޅައިގެން ގެއިން ނުކުމެގެން ދިއުމުން، ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން ކަމަށް އަބްދުލްފައްތާހު ވިދާޅުވިއެވެ.

"އާންމުކޮށް ރީއްޗަށް ހެދުން ލައިގެން އެހެން ގެއިން ނުކުންނާނީ. އެކަމަކު މިރޭ ހަމައެކަނި ބެޑްޝީޓް ގަނޑެއް ގައިގައި އޮޅާލައިގެން ނުކުމެގެން ދިޔަ މަންޒަރު ބަޔަކަށް ފެނިގެން ޝައްކު ކުރެވިގެން ފުރަތަމަ ސުކޫލަށް އެންގީ. ދެން ސްކޫލުން ކައުންސިލަށް އެންގުމުން ރަށު ރައްޔިތުން ނުކުމެ، އޭނާ ހޯދުމުގެ މަސައްކަތް ފެށީ،" އަބްދުލްފައްތާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މީހާއަކީ ތިން އަހަރު ވަންދެން އެރަށު ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދެމުން އައި ޓީޗަރެއް ކަމަށެވެ. ނަމަވެސް އެމީހާގެ ސީދާ އުމުރު ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އަބްދުލްފައްތާހު އިތުރަށް ވިދާޅުވީ އެމީހާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ހެލްތު ޕޯސްޓުގައި ކަމަށެވެ. އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.