އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ ރަމަޟާންމަހުގެ 27 ވިލޭރޭ މަސްޖިދުލްއަގްސާގައި ނަމާދު ކުރަން ތިބި ބަޔަކަށާއި ފަލަސްތީނުގެ ބިންތަކުން ނުހައްގުން މުސްލިމުން ނެރުމާ ދެކޮޅަށް މަސްޖިދުލްއަގްސާގައި އަޑު އުފުލަމުން ދިޔަ 90،000 އަށްވުރެ ގިނަ މުސްލިމުންނަށް އަމާޒުކޮށް އިޒްރޭލުގެ ސިފައިން އެ މިސްކިތަށް ވަދެ ހަމަލާތައް ދީފައިވާތީއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝެއިހް ޖައްރާހުން ފަލަސްތީނުގެ އާއިލާތައް ބޭރުކޮށް، އަގްސާ މިސްކިތުގައި ނަމާދުކުރަން ތިއްބައި ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގި އަމަލުތަކެއް ކަމަށެވެ.

"އިޒްރޭލުން ހިންގި މި އަމަލުތައް ރާއްޖެއިން ކުށްވެރިކުރަން. ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު،" ރައީސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އިޒްރޭލު ސިފައިން، ފަލަސްތީނުގެ ޝެއިހް ޖައްރާހުގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކަށް އަނިޔާކޮށް ޓެންޓުތައް ރޫޅާލައި ނިކަމެތި އަންހެނަކު މަގުމަތީގައި ދަމާ ކޫއްތާ ހަދާ މަންޒަރާއި ރައްޔިތުންނަށް ގެއްލުންދޭ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.

މީގެ އިތުރުންވެސް އިޒްރޭލު ސިފައިން ވަނީ އިޒްރޭލުގެ ރަށްވެހިކަން އޮންނަ ފަލަސްތީނު ބަޔަކު އަގްސާއަށް ދިއުމަށް ދަތުރުކުރަމުންދިޔަ ބަހެއް ހުއްޓުވައި ދިޔަ ނުދީ ހިފަހައްޓައިފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސީ ވަނީ މި ހަމަލާގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ފަލަސްތީން ހިމާޔަތްކުރަމުން އަންނަ ބަތަލުންނަށް އައްބާސީ ހިތްވަރުދެއްވާފައިވާ އިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލު ސިފައިންގެ އަމަލުތަކަށް ތާއީދުކޮށް އެ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފައެވެ.

ސަލާމަތީ އޮފިޝަލުންނާ ވާހަކަދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވަނީ އެގައުމުން އަންނަނީ ޒިންމާދާރު ކަމާއެކީ އިހުތިރާމާއެކު ގާނޫނު ދަމަހައްޓަމުން، ހަމަހަމަކަމާއި މިނިވަންކަމާއެކު މުގައްދަސް ބިމުގައި އަޅުކަންކުރެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.