ކުޑަކުދިންގެ ދުވަސް ފާއިތުވި ފަހުން، ކުޑަކުދިންގެ ދުވަހުގެ ހިތޯބު ޖެންޑާ މިނިސްޓްރީން ނެރެފިއެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ކުޑަކުދިންގެ ދުވަހުގެ ހިތޯބު ނެރެފައިވަނީ 10 ވަނަ ދުވަސް ފާއިތުވެ 11 ވަނަ ދުވަސް ފެށި، މެންދަމު 12:00ގެ ފަހުންނެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ހިތޯބުގައި ވަނީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ބޭނުންވާ ރަނގަޅު ތައުލީމާއި ހެޔޮ ތަރުބިއްޔަތާއި އަމާން ވެއްޓެއް ގާއިމުކޮށްދިނުމަށް މަގުފަހިކޮށް، އެކަންކަމުގައި މަސްއޫލުވާ އެންމެހާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުން ކަމަށެވެ. އަދި އެކަންކަން ކުދިންނަށް ފުރިހަމައަށް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާއި ގޮންޖެހުންތަކާ މެދު އާއްމުން ހޭލުންތެރިކުރުވުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކުޑަކުދިންނަކީ ގައުމުގެ އެންމެ އަގުބޮޑު އެއް ރައުސްމާލު ކަމަށާއި ގައުމުގެ މުސްތަގުބަލް ބަނަވުން ނުވަތަ އުޖާލާވުން ބިނާވެގެން ދާނީ އެކުދިންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތެއްގެ އިތުރުން ހޯދައިދެވޭ ރައްކާތެރިކަމުގެ މިންވަރުގެ މައްޗަށް ކަމަށެވެ. އަދި މިއިން އެއްވެސް ކަމަކީ އެކަކަށްވެސް އިހުމާލުވެވެން ނެތް ކަންތައްތަކެއް ކަމަށް ބުންޏެވެ.
"މިދެންނެވި ކަންކަން ފުރިހަމަ ގޮތުގައި ކުދިންނަށް ފޯރުކޮށްދިނުމަކީ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ބަލައިގެން މިއަދު އަޅުގަނޑުމެނަށް ތިބެވޭކަށެއް ނެތް. ކުދިންނަށް ރަނގަޅު ތައުލީމަކާއި ހެޔޮ ތަރުބިއްޔަތެއް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޔަގީނުންވެސް ކުދިންގެ މައިންބަފައިންނާއި މުދައްރިސުން. ހަމައެކާއެކު ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި އެންމެންގެވެސް ހިއްސާއެއް އެބައޮތްކަން ގަބޫލުކުރަންޖެހޭ. ކޮންމެ މީހަކަށްވެސް އަދާކުރެވިދާނެ ޒިންމާއެއް އޮންނާނެ،" މިނިސްޓްރީގެ ހިތޯބުގައިވެއެވެ.
މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިދިޔަ އަހަރު އެކަނިވެސް 1283 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ މައްސަލަތައް ނިސްބަތުން ވަރަށް ގިނަ ކަމަށެވެ. އަދި ޖިންސީ އަނިޔާއަކީ އޭގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ ކުއްޖެއްގެ މުޅި ހަޔާތް ވީރާނާވެގެން ހިނގައިދާނެ ފަދަ ހިތާމަވެރި އަދި ނުރައްކާތެރި އަނިޔާއެއް ކަމަށާއި މި އަނިޔާއާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް އެކި ފަރާތްތަކުން ކެނޑިނޭޅި އެތައް އަހަރުތަކެއްގައި ކުރަމުން އައިސްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްގެން ރިޕޯޓުކުރެވޭ މައްސަލަތަކުގެ ތެރެއިން އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބެނީ މަދު މައްސަލައެއްގައިކަމާއި ނިޒާމީ ގޮތުން ލިބެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިން އަލުން އަނިޔާވެރިކަމަށް ހުށަހެޅެމުންދިޔަކަން ފާހަގަކުރެވުން. މިގޮތުން ހެކި ހޯދުމުގައި ލަސްވުމާއި ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތަކަކީ ޒާތީ މައްސަލަތަކެއް ކަމުގައި އިޖުތިމާއީ ގޮތުން ދުށުމާއި ނުވަތަ ގިނަ ފަހަރަށް މިފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަކީ އާއިލާގައި ހިމެނޭ އަދި މާލީގޮތުން އެހީތެރިވާ މީހަކަށްވާތީ އާއިލާގެ ކަރާމާތްތެރިކަން ރައްކާތެރިކުރުމުގެ ގޮތުން މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތުން ކޯޓުގައި ހެކިބަސް ދޮގުކުރުން ފަދަ ކަންކަން ހިނގަމުންދާކަން ބަލައިގަންނަން ޖެހެއެވެ. އަދި މީގެ އިތުރުން، އަނިޔާ ލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުގައި ހުރި އިސްލާހުކުރަންޖެހޭ ކަންކަން ގިނަވުމާއި އެކަށީގެންވާ ވަސީލަތްތައް ލިބެން ނެތުމާއި ގާބިލުކަމާއި ވިލަރެސްކުރުމުގެ ބަލިކަށިކަމުގެ ސަބަބުން މި ނިޒާމު ޖުމުލަކޮށް މަސައްކަތްކުރާ މިންވަރު ދާދި ފަހަކާ ޖެހެންދެންވެސް އޮތީ ބަލިކަށިކޮށްކަން ފާހަގަކުރަން ޖެހޭ،" މިނިސްޓްރީގެ ހިތޯބުގައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކުރެވި ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން މިފަދަ މައްސަލަތަކުގައި ތަހުގީގު މަރުހަލާ ނިމި، ދައުވާކުރެވޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެކަން ކުރެވިގެން ގޮސްފައިވަނީ ކަމާބެހޭ އިދާރަތަކުން ދޭ ސަމާލުކަން އިތުރުވެ، ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ފެށުމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ހިތޯބުގައި އިތުރަށް ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގައި އެޅުނު ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބަޔަކީ ކުޑަކުދިން ކަމަށާއި އެގޮތުން ސްކޫލަށް ގޮސް އުނގެނުމާއި އެހެނިހެން ހަރަކާތްތަކުގައި ޝާމިލުވުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާއިރު ކުޑަކުދިން ބައްޔަށް ފައްސިވަމުންދާ އަދަދު އިތުރު ކަމަށާއި މިއީ ކުޑަކުދިން މި ބަލިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެން ސަމާލުކަން ދޭންވީ ވަގުތު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު