ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ށ. ޅައިމަގު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްގަނީ އިބްރާހިމް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކާއި ރޯގާގެ އަލާމަތްތައް ފެނިގެން ސާމްޕަލް ނެގި ދެ މީހުން ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލް ރޭ ލިބިފައިވާ އިރު، އެކެއްގެ ނަތީޖާ ލިބުނީ މިއަދުއެވެ.

ފެންފުށިން ރޯގާގެ އަލާމާތްތައް ހުރެގެން ދެއްކުމުން ޕޮޒިޓިވްވީ ފިރިހެނަކާއި 13 އަހަރުގެ އަންހެން ކުއްޖެކެވެ. ހޯމް ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ އިތުރުން އެކުދިންގެ ބައްޕައާއި އަދި އިތުރު މީހެކެވެ.

އަބްދުލްގަނީ ވިދާޅުވީ، އެމީހުން ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވި މީހުންނާއި އަލާމާތްތައް ފެނިގެން ސާމްޕަލް ނެގުމުން ޕޮޒިޓިވްވި މީހުންނާ އެއްވެސް ގުޅުމެއްވޭތޯ ބަލަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

ޅައިމަގު ހިމެނޭހެން 30 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.