ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލިތާ އަށް ވަރަކަށް މިނެޓު ތެރޭގައި އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާރުވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
އެ ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، ރަށުން ބޭރުގައި އޮތް ހަފުލާއަކަށް ދިއުމަށް ރައީސް ނަޝީދު ރޭ ގެއިން ނުކުމެވަޑައިގެންނެވީ 20:25 ހާއިރު ކަމަށާއި އެމަނިކުފާނަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ 20:27 ގައި ކަމަށެވެ.
ޝަމާލް ވިދާޅުވީ، ހަމަލާގެ ސަބަބުން ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންނެވި ކަމަށާއި އޭރު އެމަނިކުފާނުގެ ވައަތް ފަރާތަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ހަމަލާ ދިންތާ ގާތްގަނޑަކަށް 20:35 ގައި ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވުނު ކަމަށްވެސް ވިދާޅުވިއެވެ.
"އައިއީޑީ އޮތީ އެމަނިކުފާނުގެ ވައަތް ފަރާތަށްވާ ގޮތަށް ޕާކުކޮށްފައި ހުރި ސައިކަލުގައި. އެހެންވެ، އެމަނިކުފާނަށް ހަމަލާ އައިސްފައި ވަނީ ވައަތް ފަރާތާ ދިމާލުން. ހަމައެއާއެކު ޕީއެސްއޯގެވެސް ހުރީ ވައަތް ފަރާތައް ހަމަލާތައް އައިސްފައި، ދެން ހުރި މީހާގެ ހުރީ ކަނާއަތް ފަރާތްތަށް. އޭނާ ހުރީ ދެކުނަށްވާ ގޮތަށް ކުރިމަތިލައިގެން" ޝަމާލު ވިދާޅުވިއެވެ.
ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައި ވަނީ ހޯމް މޭޑް ނޮން މިލިޓަރީ ގުރޭޑްގެ އެކްސްޕޯސިވް ޑިވައިޒްއެއްކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ހަށިފާރަވެރިކަން ކޮށްދޭ އެމްއެންޑީއެފްގެ ޓީމުން ރޭގައި އަމަލުކޮށްފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"އެއީ ވަރަށް އަވަހަށް، ވަރަށް ހަލުވިކޮށް، އެމީހުންނަށް އިންޖަރީވެގެން ތިބެގެންވެސް އެމަނިކުފާނަށް އިސްކަންދީ އެމަނިކުފާނާ ވާހަކަދައްކަވަމުން ދިޔައީ" ޝަމާލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު