އިންޑިއާގެ ހާލަތު ކޮވިޑުގެ ދެވަނަ ރާޅާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޒީ އެންޓަޓައިންމަންޓް އަދި ސަލްމާން ހާން ގުޅިގެން ކޮވިޑުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށް ނިންމައިފިއެވެ.

އޮކްސިޖަން ސިލިންޑަރާއި ވެންޓިލޭޓަރު ފަދަ އިންޑިއާއަށް ބޭނުން ޖެހިިފައިވާ ޒަރޫރީ ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކަށް ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ ކޮވިޑުގައި އިންޑިއާއަށް އެހީތެރިވުމަށް އެންމެ އިސްކޮށް ހިންގާ ގިވް އިންޑިއާ ފަންޑު މެދުވެރިކޮށެވެ.

އީދު ދުވަހާ ދިމާކޮށް އަންނަ އަންގާރަ ދުވަހު ރިލީސްކުރުމަށް ހަމަޖެހިފައިވާ ސަލްމާން ހާން ފިލްމްސް އަދި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ފިލްމު ރާދޭއިން ލިބޭ ފައިސާ ކޮވިޑް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާއިރު މިފިލްމު އިންޑިއާގެ އިންޓަނެޓް ޕްލެޓްފޯމުތައް ކަމަށްވާ ޒީގެ ޕޭ ޕާ ވިއު ހިދުމަތްތައްދޭ ޒީޕްލެކްސް އަދި ޒީފައިވްގައި ރިލީސްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒީ އިން ވަނީ މިހާތަނަށް މިބަލިމަޑުކަމުގައި އެގައުމަށް އެހީތެރިވެދިނުމުގެ ގޮތުން 240އަށްވުރެ ގިނަ އެމްބިއުލޭންސާއި، 46،000 އަށްވުރެ ގިނަ ޕީޕީއީ، އޮކްސިޖަން ހިއުމިޑިފަޔާގެ އިތުރުން 60،000އަށްވުރެ ގިނަ ކޮއްތު ހަމަޖައްސައިދީފައެވެ. މީގެ އިތުރުންވެސް މަހާރާޝްތުރާގެ ސިއްހީ އެހީތެރިންނަށާއި އާއިލާތަކަށް އެހީވުމަށް ކޮވިޑު ހެލްތުކެއާ ސިސްޓަމަށް ބޭނުންވާ 304 އެނދު ހަމަޖައްސައިދީފައި ވެއެވެ.