ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް އެހީވުމަށް ވޮލެންޓިއާ މަސައްކަތްތަކަށް ތައްޔާރަށް ހުންނެވި ކަމަށް ރަސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑުގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މެޑަމް ފަޒްނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފުރުސަތު ދެއްވައިފިނަމަ، ކޮވިޑުގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް ޖެހިފައި ރަނގަޅުވެ، މިހާރު ހުންނެވީ ރައްކާތެރި މަރުހަލާގައި ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނިންމައި، ލޮކްޑައުން ކުރި ދުވަސްވަރުވެސް އެކަމަނާ ވަނީ ވޮލެންޓިއާ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ޔުނިސެފާ އެކު މަސައްކަތްކޮށް، ހާއްސަ ވީޑިއޯ މެސެޖުތައް ތައްޔާރުކޮށް، އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށް އެހީތެރިވެވަޑައިގެންފައިވާ ކަމަށެވެ.

މެޑަމް ފަޒްނާ ވިދާޅުވީ މަގުސަދަކީ އެކަމަނާ ކުރައްވާފައިވާ ކަންކަމުގެ ވާހަކަދެއްކެވުން ނޫން ކަމަށާއި ބޭނުންފުޅުވަނީ ވޮލެންޓިއާކޮށް، ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދީ، ގައުމު ބޭނުންވުމުން އެފަދަ ފަރާތްތަކަށް ނުކުތުމަށް އެހީއަކަށްވުން ކަމަށެވެ.

މެޑަމް ފަޒްނާ ވަނީ ވަރަށް ފަހުން ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވައިފައެވެ. އެކަމަނާ ބަލީން ފަސޭހަވެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ވޮލަންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް އީމެއިލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.