ބިލް ގޭޓްސްއާއި އަންހެނުން މެލިންޑާގެ 27 އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.
މިގުޅުން ނިމުމަކަށް ގެނެސްފައިވާކަން އިއުލާންކޮށްފައިވަނީ ރޭ އެ ދެމީހުންގެ ނަމުގައި ކޮށްފައިވާ ޓުވީޓެއްގައެވެ. ބިލްގޭޓްސްއާއި މެލިންޑާގެ ކައިވެންޏަށް 3 ކުދިން ލިބިފައިވާއިރު އެއާއިލާއިން ގުޅިގެން އަންނަނީ ބިލްގޭޓްސް ފައުންޑޭޝަން ހިންގަމުންނެވެ.
ގޭޓްސް ފައުންޑޭޝަނުން ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ދުނިޔޭގައި ގައިން ގަޔަށް އަރާ ބަލިތައް ހުއްޓުވުމަށާއި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕޮރަގްރާމްތަކަށް ބިލިއަނުން ހަރަދުކޮށް އެހީތެރިކަން ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިންވެސްޓަރެއް ކަމަށްވާ ވޮރެން ބުފެޓާ ގުޅިގެން ގޭޓްސް ފައުންޑޭޝަނުން ވަނީ ދަ ގިވިންގް ޕްލެޖްގެ ހަރަކާތްވެސް ފަށާފައެވެ. މިއީ ދުނިޔޭގެ ބިލިއަނަރުންގެ ފައިސާއިން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ގޮވާލައި ބާރުވެރިކުރުވާ ގަރާރެކެވެ.
ފޯބްސްއިން ރިޕޯޓުކޮށްފައި ވާގޮތުގައި މިހާރު ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި ބިލް ގޭޓްސްގެ މިލްކިއްޔާތުގައި 124 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބިލް ގޭޓްސްގެ ވިޔަފާރި ވުޖޫދަށް އައިސްފައިވަނީ 1970ގެ އަހަރުތަކުގައި ގާތް ރަހުމަތްތެރިޔާ ޕޯލް އެލެންއާއެކު އުފެއްދި އަމިއްލަ ސޮފްޓުވެއާ ކުންފުނި މައިކްރޮސޮފްޓު ހިނގައިގެން ހިސާބުންނެވެ.
މެލިންޑާއާއި ބިލް ގޭޓްސްގެ ގުޅުން ފެށިގެން އައިސްފައިވަނީ މައިކްރޮސޮފްޓުގެ ޕްރޮޑަކްޓް މެނޭޖަރެއްގެ މަގާމަށް 1987ގައި މެލިންޑާ އައްޔަންވި ހިސާބުންނެވެ. އަދި ކައިވެނީގެ ގުޅުމަކުން ގުޅިފައިވަނީ 1994ވަނަ އަހަރުގެ ތެރޭގައެވެ.
މިދިޔަ އަހަރު މައިކްރޮސޮފްޓުގެ ބޯޑުން ބިލްގޭޓްސް ވަކިވެފައިވަނީ ދުނިޔެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބިލްގޭޓްސްގެ ފަރާތުން ހިންގާ މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެ އުޅުމަށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް