ވާހަކަ

ނޫރާ - 31

"ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށް ފިލައިގެން އައި މީހެކޭ ބުނީ، ދޭތެރެއަކުން ފެންނާނެ އެކަހަލަ ކަމެއް، އެންމެ ފަހުން ކިރިޔާ ސަލާމަތްވީ، ތިންވަނަ ބުރިން ފުންމާލަން އުޅެނިކޮށް ބަޔަކު ހިފެހެއްޓީ،" އެމީހާ ކިޔައިދިނެވެ. ސާރިމްއަށް އެއިން އެއްވެސް މައުލޫމާތެއް އެހާ މުހިއްމެއް ނުވިއެވެ. އެއީ ނަފްސާނީ ބަލި މީހެކޭ ހިތަށް އެރިއެވެ. އޭގެތެރެއިން އެއްވެސް މީހަކު ސާރިމް ދަންނަނީކީވެސް ނޫނެވެ. ބިއްލޫރިގަނޑު މައްޗަށް ނަގަނަގައި ހުއްޓައި ސާރިމްގެ ކަންފަތުގައި ޖެހުނީ ދެންމެ ވާހަކަ ދެއްކި މީހާގެ ގާތުގައި އެހެން މީހަކު ކުރި ސުވާލެކެވެ.

"އެއްކަލަ ނޫރާތަ އެއީ؟" ސާރިމްގެ ހިތުގައި ރާޅުބާނީއެއް އުފެދިގެން ދިޔައެވެ. އޭނާގެ އަރުތެރެ ހިކިގެން ދިޔައެވެ. ނޫރާގެ ނަން އަހާފައި ހީބިހި ނަގައިގަތެވެ.

"އާނ، އެފަދަ ހާލެއްގައި އެ އުޅެނީ، ހޮސްޕިޓަލަށް ގެންދިޔަޔަސް ވާ ކަމެއް ނެތެއްނު." އެމީހާއަށް ސާރިމް ބަލައިލިއެވެ. ހީވަނީ އެމީހާ ވަރަށް ރަނގަޅަށް ހުސްނީ ނޫނީ ނޫރާ ދަންނަނީ ހެންނެވެ. ސާރިމް އަނެއްކާވެސް އެމީހާއަށް ގޮވާލިއެވެ.

"އެއީ ކޮންރަށެއްގެ ބައެއް؟" ސާރިމްގެ ސުވާލަށް ޖަވާބު ދޭން އެމީހާ ވަގުތުކޮޅެއް ނެގިއެވެ. ކަންބޮޑުވެފައި ބޯކަހައިލި ތަން ފެނުނެވެ.

"ނާވައިދޫ." ހަނދާންކޮށްފައި އެމީހާ ބުނެލިއެވެ. ސާރިމްއަށް ނުތަނަވަސްކަން ލިބުނެވެ. އެއީ އޭނާވެސް ހޯދަން ބޭނުންވާ ނޫރާ ހެއްޔެވެ؟ ހެއްދެވި ފަރާތަށް ހިތާއި ހިތުން ދުއާކޮށްލެވުނެވެ. އެފަދަ ހާލެއްގައި ނޫރާ ނުވުމަށެވެ.

އެމީހާ ކުރެ ސާރިމް އެހީ އެމީހުން ދިޔައީ ކޮން ހޮސްޕިޓަލަކަށްތޯއެވެ. ދެން އެންމެ ސިކުންތެއްވެސް ލަސްނުކޮށް އޭނާ މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ.

އުދަރެސް އިހުނަށްވުރެ ބަނަވިއެވެ. ވައިރޯޅިތަކުގެ ފިނިކަން ގަދަވެއްޖެއެވެ. ހިމަފޮދު ވާރޭއަށް ވެހިލާފައި ދެން ފެނުނީ ހިނދެ ހިނދަކަށް ގަދަވަމުން ދިޔަތަނެވެ. މަގުމަތި ހަލަބޮލިވެގަތެވެ. ކާރު ޕާކުކޮށްފައި ސާރިމް ވާރޭ އާއި ނިވާވާންވެގެން ދުއްވައިގަތެވެ. ހޮސްޕިޓަލުގެ ޕޯޓިކޯއަށް ވަދެވުނުއިރު އޭނާ ހުރީ ކޮންމެވެސް ވަރަކށް ތެމިފައެވެ. ޓެކްސީއެއް ލިބޭތޯ އެ ތަނުގައި ފުދޭވަރަކަށް މީހުން ތިއްބެވެ. ސާރިމް ދެލޯ ހިންގައިލީ ހުސްނީ ފެނޭތޯއެވެ.

އޭނާ ދިޔައީ އެމެޖެންސީ ރޫމްއާ ދިމާލަށެވެ. އެންމެ ފުރަތަމަވެސް ހޮސްޕިޓަލަށް ގެންނަ މީހުން ގެންދާނީ އެތަނަށްހެން ހީވާތީއެވެ. އެ ކޮޓަރީގެ ދޮރުމަތީ ހުސްނީ ޑޮކްޓަރާ ވާހަކަ ދައްކަން ހުއްޓެވެ. ދެން ފެނުނީ ޑޮކްޓަރު ހުސްނީގެ ކޮނޑުގައި އަތްޖަހާލާފައި އަންނާށޭ ބުނެލިތަނެވެ. އެ ދެމީހުންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ޑޮކްޓަރާއެކު ހުސްނީ ހިނގައިގަތުމުން ސާރިމް ޖެހިލީ އެތެރެއިން ނޫރާ ފެނޭތޯއެވެ.

އެމެޖެންސީ ރޫމްގެ އެތެރެ ފެންނަގޮތެއް ނުވިއެވެ. ދޮރުގައި ޓަކި ދީފައި ސާރިމް މަޑުކޮށްލިއެވެ. ނޫރާގެ ހާލު އޮޅުންފިލުވުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. އަދި އެހާމެ ނުތަނަވަސްވެފައެވެ. ނަރުސް ކުއްޖާ ނިކުތުމުން އެންމެ ފުރަތަމަ އަހަންވީ ކީކޭކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ތިއީ ކާކުތޯ ނަރުސް ކުއްޖާ އަހާލިއެވެ.

"ނޫރާ ކިޔާ ޕޭޝިއެންޓެއް އެބައޮތްތަ؟" ސާރިމްގެ އަޑު ތުރުތުރުލައެވެ. އޭނާ އަކީ ނޫރާގެ ކާކުތޯ އަހައިފިނަމަ ބުނާނެ އެއްޗެއް ނޭނގި ފިކުރުބޮޑުވިއެވެ.

"ލައްބަ. ދެންމެ އިންޖެކްޝަން ޖަހައިދިނީމައި ނިދިފައި އޮތީ، ތިއީ ޕޭޝަންޓުގެ އާއިލާ މީހެއްތޯ؟" އަދަބުވެރިކަމާއި އޯގާތެރިކަމާއެކު އެކުއްޖާ މުހާތަބުކޮށްލިއެވެ. ސާރިމް ބޯޖަހައިލީ އެއީ އެ ސުވާލަށް ދެވޭނެ އެންމެ ފަސޭހަ ޖަވާބުކަމުގައިވާތީއެވެ.

"ޑޮކްޓަރު ކީކޭ ވިދާޅުވީ؟" ފުރުސަތުގެ ބޭނުން ހިފަން ސާރިމް ބޭނުންވިއެވެ. އެތަނުގައި އެ ދެމީހުން ފިޔަވައި އިތުރު މީހަކު ހުރީކީ ނޫނެވެ.

"މިހާރު ޓްރާންސްފާއަށް ތައްޔާރުވަމުން ދަނީ." ނަރުސް ކުއްޖާ ބުނެލިއެވެ. އެ ޖަވާބުން ސާރިމް ހިތުގައި އުފަންވީ ނޭނގޭ ބިރެކެވެ. ނޫރާ ފޮނުވަން އެ އުޅެނީ ކޮންތާކަށްބާއެވެ. އެ ސުވާލު އޭނާ ނުކުރީ އޭނާގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިދާނެތީއެވެ.

"އެންމެ ފަހަރަކު އޭނަ ދެކިލަން ފުރުސަތު ދެވިދާނެތަ؟" ސާރިމްއަށް ހިތްވަރު ލިބުނީ ނަރުސްކުއްޖާގެ ފަރާތުން އެފަދަ ސުވާލެއް ކުރިމަތިނުވުމުންނެވެ. މިފަހަރު ކަންބޮޑުވެފައި ނަރުސް ކުއްޖާ ބަލައިލިއެވެ.

"އެކަމަކު ހުންނަންވާނީ ދުރުގައި." އެތެރޭގެ ހާލަތަށް ބަލާފައި އޭނާ ބުނެލިއެވެ. ނޫރާއާ ބައްދަލުކުރަން ދުރު މީހަކު ނާންނާނެހެން އެކުއްޖާއަށް ހީވިއެވެ. އެތެރެއަށް ވަދެފައި ސާރިމްއަށް ނެގުނީ ދެތިން ފިޔަވަޅެވެ. މުޅި މީހާ ހުއްޓުން އެރީ ދިމާލަށް އޮތް އެނދުގައި އޮތް އަންހެން ކުއްޖާ ފެނުމުންނެވެ. އެތަނުގައި ނޫރާ ނޫން އިތުރު ޕޭޝަންޓެއް މިވަގުތު ނެތެވެ. އެނދުމަތީ ސޮހިފައި އޮތް ނޫރާ ފެނުމުން އެއީ ސާރިމް ހޯދާ ނޫރާ ކަމާ މެދު ޝައްކު އުފެދުނެވެ. ސިފައަށް އައިސްފައިވާ ބަދަލުންނެވެ. އަނަރޫފަވެފައި، ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތުމުން އެއީ މީގެ ހަތް އަހަރުކުރިން އޭނާގެ ކުރިމަތީ ސަކަ މިޒާޖެއްގައި ހުންނަ ނޫރާހެން ހިއެއް ނުވެއެވެ.

"ދެން މަޑުކޮށްލަންވީނުންތޯ ބޭރުގައި." ނަރުސް ކުއްޖާގެ އަޑަށް ސާރިމްއަށް ހީވީ ބިރުވެރި ހުވަފެނެއްގެ ތެރެއިން ހޭލެވުނުހެންނެވެ. އެތަނުން ނުކުންނަން ސާރިމް ހިނގައިގަތެވެ. ދޮރުން ނުކުމެފައި އެންމެ ފުރަތަމައަށް ހުރި ގޮނޑިބަރީގައި އޭނާ އިށީނެވެ. މުޅި މީހާ ހިމޭންކަމުގެ ސާލަކުން ވަށާލިހެން ހީވިއެވެ. އޭނާގެ ސިކުނޑީގައިވި ހުރިހާ ފިކުރެއް ވަގުތުން ހުސްވެގެން ދިޔައެވެ.

ކައިރީގައި އިތުރު މީހަކު އިށީންހެން ހީވެގެން ބަލާލާފައި އަނެއްކާވެސް ސާރިމް ސިހުނެވެ. ހުސްނީ އައިސް އިށީންނަމުން މޫނުގައި އަތް އަޅާލިއެވެ. އޭނާއަށް ކައިރީގައި ސާރިމް އިންހެން ހީވެސް ނުވެއެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ހާސްވެގެން މީހާ ގޮތް ހުސްވެފައިވާ ކަހަލައެވެ. ހުސްނީ ކައިރީ އެއްވެސް އެއްޗެއް އަހާކަށް ސާރިމްއަކަށް ނުކެރުނެވެ.

ހުސްނީގެ ފޯނު ރިންގުވި އަޑާއެކު ހީވީ މުޅި ތަން ގުގުމައިގެންހެންނެވެ. ހޮސްޕިޓަލަށް ވަންނަމުން ފޯނު ރިންގުގެ އަޑު މަޑުކޮށްލަން ހަނދާނެއް ނެތެވެ. ޑޮކްޓަރުގެ ކޮޓަރީގައި އިންދައި ފޯނު ރިންގުނުވިކަން ނަސީބެވެ. ފޯނުގެ ސްކްރީނަށް ބަލާފައި ހުސްނީގެ މޫނުމަތި މުޅިން ބަދަލުވެގެން ދިޔައެވެ. ލިބިފައި ހުރި ނުތަނަވަސްކަން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ.

"ހަލޯ" ހުސްނީ ދައްކާ ވާހަކައަށް ސާރިމް އިނީ ކަންފަތް ހުޅުވާލައިގެންނެވެ. އޭނާގެ ސިކުނޑީގައި އަނެއްކާވެސް އެތައް ބައިވަރު ސުވާލެއް އެބަހުއްޓެވެ. ފަހަރެއްގައި މި ކޯލުގެ ޒަރިއްޔާއިންވެސް އެއިން އެންމެ ސުވާލެއްގެ ޖަވާބު ނަމަވެސް ލިބިދާނެއެވެ.

"ކުރިންވެސް އަހަރެން ބުނިން ގެންދާށޭ ކެރެންޏާ، ނޫނީ ފަހުން ލޮލަށް ފެންނާނީ މަރުވެފައިވާ މަސްގަނޑޭ،" ހުސްނީ ބުނި ޖުމްލައިން ސާރިމްގެ ހަށިގަނޑުން ދިޔައީ ހީބިހި ނަގައިގެންނެވެ. އެފަދަ ރަހުމުކުޑަ ބަސްތަކެއް ދުލުން ބޭރުކުރިއިރު އެ އަޑު އިވޭ ހިސާބުގައި މީހަކު އިންކަމުގައިވިޔަސް އެއްވެސް ޖެހިލުންވުމެއް ނެތެވެ. ހުސްނީ އަނެއްކާވެސް އިނީ އެކޮޅުން ގުޅައިގެން ހުރި މީހަކު ދައްކާ ވާހަކަ އަޑު އަހާށެވެ. އޭގެ އެއްވެސް އަޑެއް ސާރިމްއަކަށް ނީވެއެވެ.

"މިހާރު މާ ލަސްވެއްޖެ، ދެން އޭނައާ ހަވާލުވާން އަންނާނެކަމެއް ނެތް، ގުރައިދުއަށް ފޮނުވާލަން ހުރިހާ ކަމެއް ނިމިފައި އޮތީ." އެކޮޅުން ބުނި އެއްޗެއް ނިމުނުތަނާ ހުސްނީ ބުނެލިއެވެ.

"މަގޭ ބަލަން ޖެހޭ ވަރަށްވުރެ މާ ބޮޑަށް އިތުރަށްވެސް ބަލައިފިން، މިހާރު އެއީ މަގޭ އަންބެއްވެސް ނޫން، އޭނަ ނޫނަސް މަގޭ ހަރަދުކުރަން އަންބަކާއި ތިން ކުދިން އެބަތިބި. އަހަންނަށް އޭނައެއް އަދި އޭނާގެ ދަރިއެއްވެސް ނުބެލޭނެ" ހުސްނީ ފޯނު ކަނޑައިލީއެވެ. ސާރިމް އިނީ އިވުނު އަޑުތަކުގެ ސަބަބުން ބުދެއް ފަދައިން ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ.

ފޯނު ތިރިކޮށްގެން އިނދެފައި ހުސްނީ ގޮސް އެމެޖެންސީ ރޫމުގައި ޓަކިދިނެވެ. ނަރުސް ކުއްޖާ ނުކުތުމުން އެންމެ އަވަހަށް ފޮނުވައިލެވޭނީ ކޮންއިރަކުންތޯ އަހާލިއެވެ. އެކަން އެނގިލައްވާނީ ޑޮކްޓަރަށް ކަމަށް ބުނުމުން ހުސްނީ ޕިސް ޖަހައިލިއެވެ. އަނެއްކާވެސް ހިނގައިގަތީ ދެންމެ ބައްދަލުކުރި ޑޮކްޓަރު ހޯދާށެވެ.

** **

ސާރިމް އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަންކާގެ އަޑަށްވުރެ މިރޭ ގަދަވެފައިވަނީ ފުރާޅުމައްޗަށް އޮހޭ ވިއްސާރައިގެ އަޑެވެ. މި ތޫފާނީ ރޭ އޭނާ ސިފަކުރަނީ އަމިއްލަ ދިރިއުޅުން ގޮތުގައެވެ. މިރޭ އޭނާއަށް އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކަށްފަހު ރޭގަނޑުގެ ނިދިން މަހްރޫމްކޮށްފިއެވެ. ނޫރާ އެފަދަ ނިކަމެތި ހާލެއްގައި ވަނިކޮށް ފެނުމުން ހިތަށް އަސަރުކޮށްފިއެވެ.

ފިރިހެނަކަށްވިޔަސް ބަލިކަށިކަމާއެކު ހުރެވުނީ ހަމައެކަނި މަންޒަރު ބަލާށެވެ. އެވަގުތުވެސް އޭނާއަށް ހުސްނީ ވާހަކަ ދެއްކީ ރަމްލާއާ ކަން އެނގުނެވެ. ހުސްނީގެ ފޯނު ސްކްރީނު އޭނާއަށްވެސް ފެނުނެވެ.

ރަމްލާއާ ބައްދަލުވި އެއްވެސް ފަހަރަކު ރަމްލާ ތެދަށް ވާހަކަ ދައްކާފައިނުވާކަން މިރޭ އަނެއްކާވެސް ހާމަވެއްޖެއެވެ. ނޫރާ އުޅެނީ މީހަކާ އިނދެގެން އުފަލުން ކަމަށާއި ނޫރާ ހޯދަން ނުދާން ރަމްލާ ތަކުރާރުކޮށް ސާރިމްއާ ދިމާލަށް ބުނެފައިވިއެވެ. އެއީވެސް ރަމްލާ ހެދި ދޮގެކެވެ. އުފާވެރި ދިރިއުޅުމެއް އުޅުނު ނަމަ ދުނިޔެއަށް މޮޔަވެފައިވާ ހާލު އޭނާއަށް ނޫރާ ނުފެނުނީހެވެ. އެމީހުންނަށް ނޫރާއަށް ދެވުނު އަނިޔާ އަދިވެސް ކުޑަވެގެން އުޅޭ ކަހަލައެވެ. ގުރައިދުއަށް ފޮނުވާ ހިސާބަށް ދާނީ ވަރަށް ކަންތައް ހިނގައިދިޔައީމައެވެ.

ސާރިމް ރަޖާ އެއްފަރާތްކޮށްލިއެވެ. އެނދުން ތެދުވިއެވެ. ނިދިފައި އޮތް ޝެރީންއަށް ބަލައިލިއެވެ. ކުށެއް ކުރެވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. މި ދަންވަރު އޭނާ ބޭނުންވަނީ ހޮސްޕިޓަލަށް ދާށެވެ. ހުސްނީއާ ވާހަކަ ދައްކަން ބޭނުންވިއެވެ.

ހޮސްޕިޓަލަށް ދެވުނުއިރު ކުރިން ވެސް އިން ގޮނޑީގައި ހުސްނީ އިނެވެ. އެކަނި އިނދެ އިނދެ ފޫހިވެގެން ނިންޖާ ޖެހިޖެހިއެވެ. ސާރިމް ގޮސް އިށީނީ ޖެހިގެން ހުރި ހުސްގޮނޑީގައެވެ. މީހަކު އައިކަމުގެ އިހުސާސްކުރެވި ހުސްނީ ދެލޯ ހުޅުވާލިއެވެ.

"އަހަރެން މިއީ ކާކުކަން އެނގޭތަ؟" ސާރިމްއަށް ބަލާލި ވަގުތު އޭނާ އަހައިލިއެވެ. ހުސްނީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްލުން ފިޔަވައި އޭނާއަށް އިތުރު ހަރަކާތެއް ނުގެނެވުނެވެ. މިރޭ މިތަނުގައި ކިތަންމެ ގިނައިރަކުވެސް ސާރިމް އިނެވެ. އެއްޗެއް ނުބުނެއެވެ. ހުސްނީ ހީކުރީ އެއީ އެތަނުގައި އިން ބަލިމީހެއްގެ އެހީތެރިއެއް ކަމުގައެވެ.

"މިއީ ނޫރާ ވިހެއި ކުއްޖާގެ ބައްޕަ އަކީ." ސާރިމްގެ ޖުމްލަ ނުނިމެނީސް ހުސްނީ ފުންމައިގެން ތެދުވެއްޖެއެވެ. އޭނައާ އެއްވަރަށް ސާރިމް ތެދުވިއެވެ. ހުސްނީ ހުރީ ލިބުނު ސިހުމުން އެއްޗެއް ބުނަން ދަތިވެފައިކަމަށް ސާރިމްއަށް ހީވިއެވެ. އޭގެ މަދު ސިކުންތުކޮޅެއް ފަހުން އެ އަސަރު ފިލުވާލާފައި ހުސްނީ ބުނީ ސާރިމް ފިއްކަނޑައިގެންދާވަރުގެ ވާހަކައެކެވެ.

"ތިއައީ އޭނަގެ ހަލާކަކީ.. އޭނަ މުޅިން ހަލާކުވެ ދިޔައީ ކަލޭ އަންނާނެކަމަށް ހުރެ ހުރެ،" ހުސްނީ ޝަހާދަތް އިނގިލި އުފުލައިލީ ސާރިމްގެ ނޭފަތުގައި ޖެހޭ ވަރަށެވެ.

"އަހަރެމެން ދެމީހުން ދިމާވާން ތަގުދީރުގައި އޮތް ހިސާބަކީ މިއީ ކަމަށްވެސް ވެދާނެ." ސާރިމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. މާޒީގައި ކަން ހިނގައިދިޔަ ގޮތް ބަދަލުކުރުމުގެ ބާރު އޭނާއަށް ލިބިފައެއް ނުވެއެވެ. ކުށްވެރިއަކީ ކާކުކަމެއް ނޭނގެއެވެ. އޭނާ ނޫރާ ހޯދަން މަސައްކަތް ނުކުރެވުނީކަމަށް ވެދާނެއެވެ. ނޫނީ ބައްދަލުވާން ނަސީބުގައި ނެތީކަމަށްވެސް ވެދާނެއެވެ.

"ނަސީބެއް، އޭނަ ބަލާނެ މީހަކު ވިކަން." ހުސްނީއަށް ހީވީ ބޮޑު ބުރައެއް ބޮލުން ފިލައިދާން އުޅެނީހެންނެވެ. އޭނާ ރަމްލާއަށް ގުޅާ ކޮންމެ ފަހަރަކު ރޮއި އާދޭސްކޮށްފައި ރަމްލާ އެދެނީ ނޫރާއަށް އަޅާލުމަށެވެ. ކުޑަކުއްޖަކު ބަލަމުން ނޫރާ ނުބެލޭނެ ކަމަށެވެ. އެކަމާ ހުރެ ގެއިން ނެރެލާކަށްވެސް ނުކެރެއެވެ.

"ކަލޭ ކޮންއިރަކު އޭނަ ވަރިކުރީ؟ އޭނަގެ ފަރާތުން އެއްވެސް އުފަލެއް ނުލިބޭނެތީ ވަރިކޮށްލީތަ؟" ހުސްނީ ވާހަކަ ދެއްކި ރާގަށް ސާރިމް އަހާލިއެވެ. ހުސްނީ ލަދުގަންނުވާލަން ސާރިމް ބޭނުންވިއެވެ. ބޮޔަ ހަށިގަނޑަކާއި ލާފަ ހުރި ބޮޑު ތުނބުޅިއަކުން އަދި ފިރިހެނަކަށްނުވިތާއޭ ބުނަން ހިތަށް އެރިއެވެ. އަނބިމީހާ ބަލިވި ދުވަހު އަޅާނުލާ މީހަކަށްވުރެ ވަކި ފިނޑިއަކު ނުވެއެވެ.

"އެއްވެސް އިރަކު އަހަރެން އޭނައަކާ ނީންނަން." ހުސްނީ ރައްދުގައި ބުނެލިއެވެ. ސާރިމްގެ ދޫ ބަންދުވެގެން ދިޔައެވެ.

(ނުނިމޭ)