އެއްބަސްވުމާ ހިލާފަށް މަންދު ކޮލެޖް ކުރިން ހިންގި އިމާރާތުން އެ ފަރާތް ނެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 15 މިލިއަން ރުފިޔާ ދޭން އެއްބަސްވީ ދައުލަތަށް އެންމެ ގެއްލުން ކުޑަ ގޮތަށް މައްސަލަ ނިންމަން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފިއެވެ.
އެމްއީއެސް އިންގި އިމާރާތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދައުލަތް) އާއި މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އޭރުގެ މަސްއޫލުވެރިންނާއެކު ލީސް އެގްރީމެންޓެއް ހެދީ 28 ޑިސެމްބަރު 2008 ގައެވެ. އޭގެ ފަހުން އެ އެއްބައްވުމުގެ ދަށުން އެމްއީއެސްގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރީ 6 އޭޕްރިލް 2010 ގައެވެ.
އެ އެގްރީމެންޓް އުވާލާނެ ކަަމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އެ އެގްރީމެންޓް ބާތިލުކުރީ ޖެނުއަރީ 25، 2015 ގައެވެ.
އެއާއެކު އެ އެގްރީމެންޓް އެޑިއުކޭޝަނުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ އެންމެހާ ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު މާލޭ ހައި އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ގާނޫނީ ވަކީލަށް ހަރަދުވާ ފައިސާ އެއް ފަހަރާ ނަގައިދިނުމަށް އެދި މާލޭ ހައިގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު 29 އޮގަސްޓް 2017 ގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް އެ ހުކުމް މާލޭ ހައި އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ޖޫން 17، 2020ގައި ހައި ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން އެޑިއުކޭޝަނުން އުވާލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި، އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމްކުރިއެވެ.
ބަދަލު ދިނުމުގެ މައްސަލާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އޭޖީގެ އޮފީހުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ކަނޑައެޅިނިޔާގެ ބާރު ހިނގާ ނިހާއީ ހުކުމެއްކަން އެނގޭ ކަމަށާއި އަދި ދެފަރާތުގެ މެދުގައި ވެވޭ ކޮންޓްރެކްޓާ އެ ކޮންޓްރެކްޓުގެ ބައިވެރިއަކު ހިލާފު އަމަލެއްކޮށްފިނަމަ، އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލު ކުރި ފަރާތުން ބަދަލު ދޭންޖެހޭކަން ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ގެއްލުމުގެ ގޮތުގައި ދައުލަތުން ނަގައިދިނުމަށް އެދިފައިވާ ފައިސާގެ އަދަދަށް ބަލާއިރު ދައުވާގައި ހުށަހަޅާފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާއަކީ އެއްބަސްވުމާ ހިލާފަށް އެއްވުން ބާތިލުކުރުމުގެ ސަބަބުން ކޮލެޖު އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަންޖެހުނު 4,317,500 ރުފިޔާ އާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10,695,000 ރުފިޔާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓަކީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅުމުން އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން ގެއްލުމުގެ މިންވަރު އަންދާޒާކޮށް ވަޒަންކުރުމުގެ ބޭނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުން އެ އޮފީހުން ކުރިއަށް ގެންދިޔަ އެސެސްމަންޓެއް ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއީއެސްއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް އެމްއީއެސްގެ ކިބައިން އިމާރާތް ވަކިކޮށްފައިވީ ނަމަވެސް، އެމްއީއެސް އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ، އެހެން އިމާރާތަކަށް ދައްކަންޖެހުނު ކުއްޔަކީ، ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އެމްއީއެސް އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ހުއްދައަށް އެޑިއުކޭޝަން އެދުމުން އެ ހުއްދަ ދީފައެއް ނުވެއެވެ.
''އޮޑިޓަރު ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ.،" އޭޖީގެ ބަޔާނުގައި ބުންޏެވެ.
"މާލޭ ހައި ޕވޓ. ލޓޑ. އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމާއި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭ ގެއްލުމެއް ކަމަށްވާކަންވެސް ފާހަގަވެއެވެ.،"
އޭޖީ އޮފީހުން ބުނީ، އެމްއީއެސް އަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުން ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއް ކަމާއި އަދި އެއީ އެއްބަސްވުމާ ހިލާފުވެފައިވަ ހިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއްކަންވެސް ފާހަގަކުރެވޭ ކަމަށެވެ.
އަދި އެ މައްސަލަ ޝަރީއަތުން ކުރިއަށް ގެންދާ ހާލަތެއްގައި ލިޔެކިޔުންތަކުން ސާބިތުވާން އޮތް ހަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް ޝަރީއަތުން އަމުރުކުރުމުގެ ފުރުސަތު ބޮޑުކަމަށްވެފައި، ޝަރީއަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ އިހްތިމާލު އޮތް ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު