މައުލޫމާތު ފެތުރުމުގައި ގައިމުކޮށް ނޭނގޭ ވާހަކަތަކަށް ބަރޯސާ ނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގެވެސް ހަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭ ގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުން ކަމުގައި ވިދާޅުވި އެވެ. ހަބަރާއި މައުލޫމާތު ފެތުރުމުގައި މިހާރަށް ވުރެވެސް ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް، އެމަނިކުފާނު ވަނީ އިލްތިމާސްކޮށްފަ އެވެ.

ނޫސްވެރިކަމަކީ ވަރަށް މަތިވެރި މަގުސަދެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ނޫސްވެރިކަމަކީވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން، ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވިގޮތުގައި ދިވެހި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެ ކަމަށެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ހަބަރުތަކާއި ރިޕޯޓްތަކުގެ ޒަރީއާއިން، އާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިސްލާހުކުރުގެ ފުރުސަތު ތަނަވަސްވެގެން ދިޔަކަމަށް ވެސް ވިދާޅުވި އެވެ. އަދި، މިކަމަކީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށް ވި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުން އެދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ހިޔާލު ވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށް ޖެހިފަ އެވެ. 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައިކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.