މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުތަކުގެ ޕޭޕަރު ލީކްވި ނަމަވެސް ރާއްޖެއިން ހުށަހަޅާ ހުށަހެޅުމަކީ ދަރިވަރުންނަށް އިމްތިހާނު ދިނުން ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބުނެފި އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރޭ ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އޭލެވެލް އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ. ޕޭޕަރުތައް ލީކްވެފައިވަނީ ރާއްޖޭގައި މި މާއްދާތަކުގެ އިމްތިހާނު ބޭއްވުމުގެ ކުރިން ކަމަށް ވާއިރު މި ޕޭޕަރުތައް ބައެއް ކުދިންނަށް ފެނިފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ ޕޭޕަރުތައް ލީކްވެފައިވަނީ ބޭރު ގައުމެއްގައި ކަމަށާއި ރާއްޖޭގެ އެއްވެސް ސެންޓަރަކުން ޕޭޕަރު ލީކް ވެފައި ނުވާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ ޕޭޕަރުތައް އިތުރަށް ލީކް ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދީފައިވާ ކަމަށެވެ.

ދަރިވަރުންގެ ހައްގުގައި ރާއްޖެއިން ހުށަހަޅާ ހުށަހެޅުމަކީ އިމްތިހާނު ދަރިވަރުންނަށް ދިނުން ކަމަށާއި އެހެން ނަމަވެސް އޭ ލެވެލްގައި ދަރިވަރުން ހަދަނީ ބައިނަލްއަގުވާމީ އިމްތިހާނަކަށް ވުމުން އެންމެ ފަހުގެ ނިންމުން ނިންމުމުގައި ރާއްޖެއަށް ބާރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.