ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަހީދު ވަކިކޮށް އެ މަގާމަށް އެންވައިރުމެންޓް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ގެނައުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަން “ވަން” އަށް އެނގިއްޖެއެވެ.
ކެބިނެޓަށް ބައެއް ބަދުލަތައް ގެނައުމަށް ރައީސް ނިންމަވާފައިވާ ކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އަދި އެކަމުގެ މަޝްވަރާތައް ކޯލިޝަން ލީޑަރުންނާއެކު ކޮށްފައިވާ ކަން ވެސް އޮފިޝަލު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެގޮތުން ކޯލިޝަނުގައި ހިމެނޭ އެންމެ ކުޑަ ޕާޓީ ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްއަށް ނިސްބަތްވާ ދެ ވަޒީރުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަކިކުރުމަށް ރައީސް މިހާރު ވަނީ ނިންމަވާފައި ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޒަހާ ވަކިކޮށް އެ ވުޒާރާ ހިންގެވުމަށް އައްޔަނު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދުކަން ވެސް ވަނީ އެނގިފައެވެ. ޑރ. ހުސައިން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
ކެބިނެޓަށް ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާ ކަން އެނގިފައިވާ އިރު، އެންމެ ފަހުން އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ އެތެރެއިން އިސްލާހު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކޯލިޝަން ޕާޓުނަރުންނާއެކު މަޝްވަރާތައް ކުރިއަށްގެންދަވާ ކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ 'ވަން' އަށް ވިދާޅުވެފައެވެ. އެދި އެކަމުގެ ތަފްސީލުތައް ކުރިއަށް ހުރި ދުވަސްތަކުގައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު