ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 37 ޖަލްސާއެއް ބާއްވައި އެ ޖަލްސާތަކުގައި އަށް ބިލެއް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި، ކުރީ ދައުރުން 24 ބިލާއި މި ދައުރުގައި ހުށަހެޅި 11 ބިލާއެކު 35 ބިލެއްގެ މަސައްކަތް މަޖިލީހުގެ މި ދައުރަށް ހުށަހެޅިފައި އޮތް ކަމަށެވެ. އޭގެ ތެރެއިން އަށް ބިލުގެ މަސައްކަތް ނިންމި އިރު، މަަސައްކަތް ނުނިމޭ 27 ބިލު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ދައުރުގެ ހަތް ގަރާރާއެކު މި ދައުރުގައި 14 ގަރާރު މަޖިލީހަށް ހުށަހެޅުނު ކަމަށާއި، އޭގެ ތެރެއިން ފަސް ގަރާރު ނިންމައި ނުވަ ގަރާރު އަދި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުން 13 ކަމެއް މަޖިލީހަށް ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން 10 ކަމެއް ނިންމައި ތިން ކަމެއް ނުނުމިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސަތުން މިދިޔަ ދައުރުން އައި ދެ ކަމަކާއި މި ދައުރުން ފަސް ކަމަކާއެކު ޖުމްލަ ހަތް ކަންތައް ހުށަހަޅާފައިވާ އިރު، ފަސް ކަމެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދައުރުގައި ހުށަހެޅުނު 10 ކުއްލި މައްސަލަ ނިމިފައިވާ ކަމަށާއި މެންބަރުން މިދިޔަ ދައުރުުގައި ހުށަހެޅި ތިން މައްސަލައާއި މި ދައުރުގައި ހުށަހެޅި ހަތް މައްސަލައާއެކު 10 މައްސަލަ ހިމެނޭ އިރު، ހަ މައްސަލަ ނިމިމިފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެނިހެން މައްސަލަތަކާ ގުޅޭ ހަތަރު ރިޕޯޓެއް ކުރީ ދައުރުން އައިސްފައިވާ އިރު، މި ދައުރުން 20 ރިޕޯޓެއް ހުށަހަޅައި ޖުމްލަ 24 ރިޕޯޓް ހިމެނޭއިރު 19 ރިޕޯޓް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރުންނާ ސުވާލުކުރުމަށް ކުރީ ދައުރުގައި އައި އަށް ސުވާލާއި މި ދައުރުގެ 17 ސުވާލާއެކު ޖުމްލަ 25 ސުވާލު ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން ނިންމުނީ 19 ކަމުން އަދި ހަ ވަޒީރަކު، ސުވާލު ކުރެއްވުމުގެ އައްސޭރީގައި އެބަ ތިއްބެވި ކަމަށްވެސް ވިދާޅުވިއެެވެ.
މި ދައުރުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގެ އަދަދު 324 އަށް އަރާ ކަމަށާއި ހޭދަވެފައިވަނީ 282 ގަޑިއިރާއި 37 މިނިޓް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ 37 ޖަލްސާ ގައި 96 ގަޑިއިރާއި 35 މިނިޓް ހޭދަވެފައިވާ ކަމަވެސް ވިދާޅުވިއެވެ.
އެމަނިކުފާނަށް އެޑްރެސް ކުރައްވައި މިދިޔަ ދައުރުގައި 347 ސިޓީ މަޖިލީހަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން 263 ސިޓީ މަޖިލީހުގެ އާއްމު ކޮމިޓީން ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވާފައިވާ ކަމަށާއި، ޖަވާބު ނުދެވި އެހާ ބައިވަރު ސިޓީ ނޯންނާނެ ކަމަަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، އެ މަޖިލީހުގައި ސަރުކާރުން ފޮނުވާ ކަންކަން ވަކި އިތުރަށް މުހިއްމު ވެގެންނުވާނެ ކަމަށާއި، އާއްމުން ފޮނުވާ ކަންކަން ވެސް ހަމަ އެ ދަރަޖައިގައި މުހިއްމު ވާނެ ކަމަށެވެ.
މަޖިލިސް މިދަނީ ކުޑަ ބަންދަކަށް ކަމަށާއި، މި ބަންދަށްފަހު މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 17 ގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު