މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެ ބިލުގައި ބުނެފައި ވަނީ، މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުން ކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ. އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
އެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ، މީހުން ޓްރެފިކު ކުރުމަކީ ކުށެއް ކަމަށެވެ. އަދި 18 ވަނަ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިން ޓްރެފިކް ކުރުމަކީ ކުށެއް ކަމަށެވެ. ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައި ވަނީ މީހުން ޓްރެފިކު ކުރަން އުޅުމަކީ ނުވަތަ ޓްރެފިކް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި 20 ވަނަ މާއްދާގައި ބުނެފައި ވަނީ މީހުން ޓްރެފިކް ކުރުން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއް ކަމަށެވެ.
ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކް ކުރާ މީހާގެ އަތުން ބަދަލު ނަގައިދެވޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނަސްފައެވެ.
މި ބިލުން އެ ގާނޫނުގެ 59 ވަނަ މާދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، މި މާއްދާގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާ ނުވަތަ 19 ވަނަ މާއްދާ ނުވަތަ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް މި މާއްދާގައިވާ ގޮތުގެ މަތިން ޓްރެފިކް ކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެ ކަމަށެވެ.
އެގޮތުން ބިލުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ޓްރެފިކް ކުރެވޭ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި މާއްދާގެ ދަށުން އަންނަނިވި ބާވަތުގެ ބަދަލު ނަގައި ދެވޭނެ ކަމަށެވެ.
އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އޭނާއަށް ލިބެން ޖެހި ނުލިބިވާ އުޖޫރަ އާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓު އެޖެންސީއަކަށް ނުވަތަ ރެކްރޫޓްމަންޓު އެޖެންސީއަކަށް ދައްކާފައިވާ ރެކްރޫޓުމަންޓު ފީ އާއި ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އުޖޫރައިން އުނިކޮށްފައިވާ އަދަދު ކަމަށާއި ޓްރެފިކް ކުރުމުގެ ޝިކާރައަކަށް ވުމުގެ ސަަބަބުން މެދުވެރި ވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން ހޯދަން ޖެހުނު ބޭސް ފަރުވާއަށް ހިނގި ހަރަދުގެ އިތުރުން ސީދާ ގޮތުން ލިބުނު އެނޫންވެސް ގެއްލުމުގެ ބަދަލެވެ.
އެގޮތުގެ މަތިން ބަދަލު ނަގައިދިނުމުގައި ޓްރެފިކު ކުރެވޭ މީހާއަށް ނަގައި ދޭނީ ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށް ކަން ކަނޑައަޅާނީ މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު