މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ލ. މާންދޫން ކޮވިޑަށް ޕޮޒިޓިވް ވި ދެ މީހަކާ ކޮންޓެކްޓްވި ބަޔަކު އެ އަތޮޅު ދަނބިދޫން ޕޮޒިޓިވް ވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މާންދޫން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާންދޫ އާއި ގުޅިފައި އޮންނަ ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ގަމުންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

ދަނބިދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ އިބްރާހިމް ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ދަނބިދޫން ޕޮޒިޓިވްވެފައި ވަނީ މާންދޫގައި މަސައްކަތް ކުރާ އެ ރަށު ދެ މީހުން ކަމަށެވެ. އަދި އެ މީހުން އެންމެ ފަހުން މާންދޫ އަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެ މީހުން މާންދޫން އައިތާ ތިން ވަނައަށް ވީ ދުވަހު އެމީހުން ދަނބިދޫގައި އުޅޭކަން އެނގުމުން ވަގުތުން އެ މީހުން ކަރަންޓީނު ކުރި ކަމަށެވެ. ނަމަވެސް އޭރު އެ މީހުން ރަށުގެ ވަރަށް ގިނަ މީހުންނާ ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކަރަންޓީނުގައި ތިއްބާ އެ މީހުން ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި މިއަދު ނަތީޖާ ލިބުނުއިރު އެ ދެ މީހުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި 34 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މާންދޫން އެކަނިވެސް މިހާތަނަށް 134 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.